ޗައިނާގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް ވޫ ބަންގޫ ރާއްޖެ ވަޑައިގަންނަވަނީ (26.5.2011)

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދުގެ ދަޢުވަތަކަށް ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް ހިޒް އެކްސެލެންސީ މިސްޓަރ ވޫ ބަންގޫ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިމަހުގެ 28 ވަނަ ދުވަހު ރާއްޖެ ވަޑައިގަންނަވާނެ އެވެ. އެމަނިކުފާނުގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުންނާއި ޗައިނާގެ ޤާނޫނުހަދާ މަޖިލީހުގެ މަތީފެންވަރުގެ ވަފްދެއް ރާއްޖެ ވަޑައިގަންނަވާނެ އެވެ.

ހިޒް އެކްސެލެންސީ މިސްޓަރ ވޫ ބަންގޫ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް މުޙައްމަދު ނަޝީދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާނެ އެވެ. އަދި މިދަތުރުފުޅުގައި ޗައިނާ އާއި ރާއްޖެއާ ދެމެދު އިޤްތިޞާދީ އަދި ފަންނީ ގޮތުން އެހީތެރިކަމާއި އެއްބާރުލުން ދިނުމާބެހޭ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށްވަނީ ހަމަޖެހިފައިވެ އެވެ. މީގެއިތުރުން ދެޤައުމުގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސުންގެ މެދުގައި ބޭއްވޭ ރަސްމީވާހަކަފުޅުތައް ރައްޔިތުންގެ މަޖިލިސްކުރާ ގޭގައި ބޭއްވުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.

ދިވެހިރާއްޖެއަށް ވަޑައިގެންނެވުމުގެ ކުރިން، އެމަނިކުފާނުގެ ދަތުރުފުޅުގައި ނެމީބިޔާ، އެންގޯލާ އަދި ސައުތް އެފްރިކާއަށް ޒިޔާރަތްކުރައްވާފައިވެ އެވެ. ހިޒް އެކްސެލެންސީ މިސްޓަރ ވޫ ބަންގޫ އަކީ ރާއްޖެއަށް މިހާތަނަށް ޒިޔާރަތްކުރައްވާ ޗައިނާގެ ޤާނޫނުހަދާ މަޖިލީހުގެ އެންމެ އިސް ބޭފުޅާ އެވެ. އަދި ހިޒް އެކްސެލެންސީ މިސްޓަރ ވޫ ބަންގޫ އަކީ ޗައިނާގެ ރައީސް ފިޔަވާ އެގައުމުގެ އެންމެ އިސް ފަރާތެވެ.