އައި.އެމް.އެފް މިޝަންގެ ފަރާތުން މާލިއްޔަތު ކޮމިޓީއާއި ބައްދަލުކުރައްވައިފި

އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް(އައި.އެމް.އެފް) ގެ ފަރާތުން ރާއްޖޭގައި ހިންގަމުންގެންދާ ޕްރޮގްރާމްތައް ހިނގަމުންދާގޮތުގެ މަޝްވަރާތައް ކުރިއަށް ގެންދިޔުމަށްޓަކައި މިހާރު ރާއްޖެއަށް ޒިޔާރަތް ކުރައްވަމުން ގެންދަވާ އައި.އެމް.އެފްގެ ވަފްދު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާއި ބައްދަލުކުރައްވައިފިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި، ރާއްޖޭގެ އިޤްތިޞާދު ހަރުދަނާ ކުރުމާއި ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތާއި ގުޅޭގޮތުން ސަރުކާރާއިއެކު ކުރެވެމުންދާ މަޝްވަރާތަކުގެ މަޢުލޫމާތު މާލިއްޔަތު ކޮމިޓީއާއިއެކު ޙިއްސާ ކުރެއްވިއެވެ. އަދި ރާއްޖޭގެ އިޤްތިޞާދުގެ އަސާސްތައް ހަރުދަނާ ކުރުމަށްޓަކައި މިހާރުން މިހާރަށް އަޅަންޖެހޭ ފިޔަވަޅުތަކާއި، ރާއްޖޭގެ ރަސްމީ ރިޒަރވް ދިފާޢު ކުރުމަށްޓަކައި އެކްސްޗޭންޖް ރޭޓްގެ ސިޔާސަތަށް ގެނެވުނު ބަދަލުގެ އިތުރުން މަނިޓަރީ ޕޮލިސީއާއި ފިސްކަލް ޕޮލިސީއަށް ހަރުދަނާ މުހިއްމު ބަދަލުތަކެއް ގެންނަން ޖެހިފައިވާކަން ފާހަގަކުރެއްވިއެވެ. މިގޮތުން ދައުލަތުގެ އާމްދަނީ އިތުރުކުރުމުގެ ގޮތުން މިހާރު ތަޢާރަފް ކުރެވިފައިވާ ޓެކްސްތަކުގެ އިތުރަށް، އިތުރު އައު ޓެކްސް ތަޢާރަފް ކުރުމަކީ އިޤްތިޞާދީ ހާލަތު ރަނގަޅުކުރުމަށް އޮތް ހަމައެކަނި ޙައްލުނޫންކަމަށާއި، ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަކީ މާލީ ސިޔާސަތުގެ ބަޔަކަށް ހަދަންޖެހޭ ކަމަށާއި އެކަމުގެ މުހިއްމުކަމުގެ މައްޗަށް އައި.އެމް.އެފްގެ ވަފްދު އަލިއަޅުއްވާލެއްވިއެވެ. މިބައްދަލުކުރެއްވުމުގައި ކޮމިޓީގެ މެންބަރުން ކުރެއްވި ސުވާލުތަކަށް އައި.އެމް.އެފްގެ ވަފްދުގެ ބޭފުޅުން ޖަވާބުދެއްވިއެވެ.

މިބައްދަލުވުން ނިންމަވާލައްވަމުން މާލިއްޔަތު ކޮމިޓީގެ މުޤައްރިރު ދެއްކެވި ވާހަކަފުޅުގައި ދައުލަތުގެ އާމްދަނީ އިތުރުކުރެއްވުމުގެ ގޮތުން ސަރުކާރުން ހުށަހަޅުއްވާނެކަމަށް އިޝާރާތް ކުރައްވާފައިވާ ޓެކްސް ބިލްތައް ނިންމުމުގައި މަޖިލީހުގެ ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި ވޭތުވެދިޔަތާގައި އެއްބާރުލުން ދެއްވާފައިވާކަންވެސް ފާހަގަކުރެއްވިއެވެ. މާލިއްޔަތު ކޮމިޓީގެ މިއަދުގެ ޖަލްސާއަކީ އައި.އެމް.އެފްގެ ވަފްދާއި ބައްދަލުކުރެއްވުމަށް ދައުރުން ބޭރުގައި ބޭއްވި ޚާއްސަ ޖަލްސާއެކެވެ.