ގްލޯބަލް ލީޑަރޝިޕް ފައުންޑޭޝަންގެ (ޖީ.އެލް.އެފް) ފަރާތުން މޮރިސަސްގެ ކުރީގެ ރައީސް ރައްޔިތުންގެ މަޖިލީހުގެ ރައީސްއާ އިއްޔެ ބައްދަލުކުރައްވައިފި

ގްލޯބަލް ލީޑަރޝިޕް ފައުންޑޭޝަންގެ (ޖީ.އެލް.އެފް) ފަރާތުން މޮރިސަސްގެ ކުރީގެ ރައީސް ހިޒް އެކްސެލެންސީ މރ. ކައްސަމް އުތީމް ރައްޔިތުންގެ މަޖިލީހުގެ ރައީސްއާ އިއްޔެ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކޮށްލެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކާބެހޭގޮތުންނާއި ދިވެހިރާއްޖޭން ޢަމަލުކުރަމުންދާ އައު ޤާނޫނުއަސާސީއާ ބެހޭގޮތުން މަޖިލީހުގެ ރައީސް މަޢުލޫމާތު ހިއްސާކުރެއްވިއެވެ. އަދި މަޖިލީހަށް މިވަގުތު ދިމާވެފައިވާ ގޮންޖެހުންތަކާބެހޭގޮތުން ވެސް މަޢުލޫމާތު ދެއްވިއެވެ.

މީގެ އިތުރުން މިބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ދެއްކެވި ވާހަކަފުޅުގައި، އިންޑިޔާގެ ޤާނޫނުހަދާ މަޖިލީހުގެ (ލޮކްސަބާގެ) އެހީތެރިކަމުގެދަށުން މިހާރު ރާއްޖެ ވަޑައިގެންއުޅުއްވާ ލޮކްސަބާގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް މރ. ސްރިނިވާސަން ގޯޕާލަންގެ އެހީތެރިކަމުގެދަށުން މަޖިލީހުގެ މުވައްޒަފުން ބިނާކުރުމުގެ ދިގުރާސްތާގެ ސްޓްރެޓަޖީއެއް އެކުލަވާލުމަށް މަސައްކަތްކުރެވެމުންދާކަން ފާހަގަކުރެއްވިއެވެ.

ހިޒް އެކްސެލެންސީ މރ. ކައްސަމް އުތީމްގެ ވާހަކަފުޅުގައި މަޖިލީހުން ކުރައްވަމުންގެންދަވާ މަސައްކަތްތަކަށާއި މަޖިލީހުގެ ރައީސް އަދާކުރައްވަމުންގެންދަވާ ދައުރަށް ތަޢުރީފުކުރައްވާފައިވެއެވެ. އަދި މަޖިލީހުގެ މަސައްކަތްތަކާބެހޭ އެކިއެކި ކަންތައްތަކާބެހޭގޮތުން ތަފްސީލް މަޢުލޫމާތު ހޯއްދެވިއެވެ.

މީގެއިތުރުން މިބައްދަލުކުރެއްވުމުގައި ގްލޯބަލް ލީޑަރ ޝިޕް ފައުންޑޭޝަން (ޖީ.އެލް.އެފް)ގެ ސެކްރެޓަރީ ޖެނެރަލް ސަރ ރޮބިން ކްރިސްޓޮފާރ އާއި ރައްޔިތުންގެ މަޖިލީހުގެ އަމީންއާންމު އަލްއުސްތާޛު އަޙްމަދު މުޙައްމަދާއި އިދާރާގެ ހެޑް އޮފް ފޮރިން އެންޑް ޕްރޮޓޮކޯލް އަލްއުސްތާޛާ ޝަޒްރާ އަބްދުލްސައްތާރު ބައިވެރިވެވަޑައިގެންނެވިއެވެ.