ޓެންޒޭނިއާގެ ޤާނޫނުހަދާ މަޖިލީހުގެ ވަފުދެއް ރައްޔިތުންގެ މަޖިލީހަށް ޒިޔާރަތް ކުރައްވައި މަޖިލީހުގެ ރައީސާއި ބައެއް މެންބަރުންނާއި ބައްދަލުކުރައްވައިފި

ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާއި އޭގެ ސަބަބުން ރާއްޖޭގެ ތިމާވެއްޓަށް ކުރާ އަސަރުތަކާއި އަދި މި ކަމުގައި ރާއްޖޭން ގެންގުޅޭ ސިޔާސަތުތަކާބެހޭ މަޢުލޫމާތު އޮޅުންފިލުއްވުމަށްޓަކައި މިހާރު ރާއްޖެ ވަޑައިގެންއުޅުއްވާ ޓެންޒޭނިއާގެ ޤާނޫނުހަދާ މަޖިލީހުގެ 3 ބޭފުޅުންގެ މައްޗަށް އެކުލެވޭ ވަފުދެއް އިއްޔެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު އާ ބައްދަލުކުރައްވައިފިއެވެ.

ޓެންޒޭނިޔާގެ ވަފްދުގެ ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކާ ބެހޭގޮތުންނާއި ދިވެހިރާއްޖޭން އަމަލުކުރަމުންދާ އައު ޤާނޫނުއަސާސީއާ ބެހޭގޮތުން މަޖިލީހުގެ ރައީސް މަޢުލޫމާތު ހިއްސާކުރެއްވިއެވެ. އަދި މަޖިލީހަށް މިވަގުތު ދިމާވެފައިވާ ގޮންޖެހުންތަކާބެހޭގޮތުންވެސް މަޢުލޫމާތު ދެއްވިއެވެ.

ޓެންޒޭނިއާގެ ޤާނޫނުހަދާ މަޖިލީހުގެ ބޭފުޅުން ރާއްޖެއަށް ޒިޔާރަތެއް ކުރެއްވުމުގެ ބޭނުންފުޅަކީ މަޖިލީހުގެ މަސައްކަތްތައް ހިނގަމުންދާގޮތާބެހޭގޮތުންނާއި ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާގުޅިގެން ދިވެހިރާއްޖެއަށްކުރާ ނޭދެވޭ އަސަރުތަކާއި ބެހޭގޮތުންނާއި އަދި ދިވެހިރާއްޖޭގެ ފަތުރުވެރިކަމާއި މަސްވެރިކަމުގެ ސިނާޢަތު ހިނގާގޮތާބެހޭ މަޢުލޫމާތު ހޯދުން ކަމުގައި އެބޭފުޅުން ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން، މިވަފުދުގެ ބޭފުޅުންވަނީ ތިމާވެއްޓާއި ތަރައްޤީއާބެހޭ ކަންތައްތައް މަޖިލީހުގައި ބަލަހައްޓަވާ ކޮމިޓީ ކަމުގައިވާ ޤައުމީ ތަރައްޤީއާބެހޭ ކޮމިޓީއާވެސް ބައްދަލުކުރައްވާފައެވެ.

މި ބައްދަލުކޮށްލުމުގައި ރައްޔިތުންގެ މަޖިލީހުގެ އަމީންއާންމު އަލްއުސްތާޛު އަޙްމަދު މުޙައްމަދާއި އިދާރާގެ ހެޑް އޮފް ފޮރިން އެންޑް ޕްރޮޓޮކޯލް އަލްއުސްތާޛާ ޝަޒްރާ އަބްދުލްސައްތާރު ބައިވެރިވެވަޑައިގެންނެވިއެވެ.