އޮޑިޓަރ ޖެނެރަލްގެ މަޤާމަށް ނިޔާޒް އިބްރާހީމް އައްޔަންކުރުމަށް މަޖިލީހުން ފާސްކުރައްވައިފި

އޮޑިޓަރ ޖެނެރަލްގެ މަޤާމުގައި ހުންނެވުމަށް ގދ. ތިނަދޫ ބްރޫމް، އަލްފާޟިލް ނިޔާޒް އިބްރާހީމްއަށް މިރޭ ބޭއްވުނު ޚާއްޞަ ޖަލްސާގައި މަޖިލީހުން ރުހުންދެއްވައިފިއެވެ. ވޯޓުގައި ބައިވެރިވެވަޑައިގެން 68 މެންބަރުންގެ އިއްތިފާޤުން ނިޔާޒް އިބްރާހީމް އޮޑިޓރަ ޖެނެރަލްގެ މަޤާމުގައި ހުންނެވުމަށް ވަނީ ފާސްކުރައްވާފައެވެ.

މީގެ އިތުރުން މިރޭގެ ޖަލްސާގައި، ކުށްކުރުން ހުއްޓުވުމަށްޓަކައި ޚާއްޞަ ފިޔަވަޅުތަކެއް އެޅުމުގެ ބިލު، ކޮމިޓީ މަރުޙަލާ ނިމި މަޖިލީހުން ރިޢާޔަތްކުރެއްވުމަށް ހުށަހެޅުއްވާފައިވެއެވެ. މި ބިލަށް ހުށަހެޅިފައިވާ ގިނަ  އިޞްލާޙުތަކުގެ ސަބަބުންނާއި މި ބިލަކީ އަދި ދިރާސާތަކެއް ކުރުން މުހިންމު ބިލެއްކަމަށް ގިނަ މެންބަރުން ޖަލްސާގައި ޚިޔާލު ފާޅުކުރައްވާފައިވެއެވެ. މިގޮތުން މި ބިލު އިތުރަށް ދިރާސާކުރެއްވުމަށް ޤައުމީ ސަލާމަތުގެ ކޮމިޓީއަށް ފޮނުވުމަށް މިރޭގެ ޖަލްސާގައި ވަނީ ފާސްކުރައްވާފައެވެ. ބިލު އަނބުރާ ކޮމިޓީއަށް ފޮނުވުމަށް ފެނިވަޑައިގަންނަވާކަމަށް ވޯޓު ދެއްވީ 37 މެންބަރުންނެވެ. ފެނިވަޑައިނުގަންނަވާކަމަށް ވޯޓު ދެއްވީ 33 މެންބަރުންނެވެ. އަދި މިޖަލްސާގައި ވަކިގޮތަކަށް ވޯޓު ނުދެއްވާ 1 މެންބަރަކު އިންނެވިއެވެ.

28 ޖުމާދަލްއޫލާ 1432

2 މެއި 2011