ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު މިއަދު އިންޑިޔާގެ ލޮކް ސަބާގެ ރައީސް އޮނަރަބަލް މީރާ ކުމާރާއި ޕާކިސްތާނުގެ ނެޝަނަލް އެސެމްބްލީގެ ރައީސް އޮނަރަބަލް ފަހްމީދާ މިރްޒާ އާ ޕެނަމާގައި ބައްދަލުކުރައްވައިފިއެވެ.
ޕެނަމާގައި ވަކިވަކިން ބޭއްވެވި މި ދެ ބައްދަލުވުމަކީ އައި.ޕީ.ޔޫ. ގެ 124 ވަނަ އާންމު ޖަލްސާގައި ބައިވެރިވެވަޑައިގެންނެވުމަށް ޕެނަމާއަށް ކުރައްވާ ދަތުރުފުޅުގައި މަޖިލީހުގެ ރައީސް ބޭއްވެވި ދެ ބައްދަލުވުމެވެ.
އިންޑިޔާގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސްއާ އެކު ބޭއްވެވި ބައްދަލުވުމުގައި، މަޖިލީހުގެ އިދާރާގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ހިންގުމަށާއި މަޖިލީހުގެ އިދާރާގެ މުވައްޒަފުންނަށް ދިގު މުއްދަތުގެ ތަމްރީނުތައް ހިނގުމާ ބެހޭގޮތުން މަޖިލީހުގެ ރައީސްއަށް މަޝްވަރާދެއްވުމަށް، އިންޑިޔާ އިން ކަމާބެހޭ މާހިރެއް މަޖިލީހަށް ފޮނުއްވާދެއްވާފައިވާތީ އެކަމަށް އެކަމަނާއަށް މަޖިލީހުގެ ރައީސް ޝުކުރުއަދާކުރެއްވިއެވެ.
ޕާކިސްތާނުގެ ނެޝަނަލް އެސެމްބްލީގެ ރައީސް އާއެކު ބޭއްވެވި ބައްދަލުވުމުގައި، ދިވެހިރާއްޖެއާ ޕާކިސްތާނާ ދެމެދު އޮންނަ ގާތް ގުޅުން މަޖިލީހުގެ ރައީސް ފާހަގަކުރެއްވިއެވެ. އަދި ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ އިމާރާތަކީ މިކަމުގެ ރަމްޒެއްކަމުގައި އެމަނިކުފާނު ހާމަކުރެއްވިއެވެ. އަދި މި ދެ ބޭފުޅުންނަށް މަޖިލީހުގެ މަސައްކަތްތަކާބެހޭގޮތުން މައުލޫމާތު ހިއްސާކުރެއްވިއެވެ.
މީގެ އިތުރުން، އިންޓަރޕާލިމެންޓަރީ ޔޫނިއަންގެ ސެކްރެޓަރީ ޖެނެރަލް މރ. އެންޑަރޒް ބީ. ޖޯންސަން އާއި އައި.ޕީ.ޔޫ. ގެ ޑެމޮކްރަސީ ކުރިއެރުވުމާބެހޭ ޑިވިޜަނުގެ ޑިރެކްޓަރ، މރ. މާޓިން ޗުންގޮންގ އާ ވެސް މަޖިލީހުގެ ރައީސް މިއަދު ބައްދަލުކުރެއްވިއެވެ. އަދި މަޖިލީހުގެ މަސައްކަތްތަކާބެހޭގޮތުން މި ދެބޭފުޅުންނާ މަޝްވަރާކުރައްވައި މައުލޫމާތު ހިއްސާކުރެއްވިއެވެ.
16 ޖުމާދަލްއޫލާ 1432
20 އޭޕްރީލް 2011