މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާނާމެދު ޢަމަލުކުރައްވާނެގޮތް ދިރާސާކުރެއްވުމަށްފަހު، ސުލޫކު ކޮމިޓީން ނިންމެވި ގޮތުގެ ރިޕޯޓް ފާސްކުރައްވަން ފެނިވަޑައިނުގަންނަވާކަމަށް މަޖިލީހުން ނިންމަވައިފި

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާނާމެދު ޢަމަލުކުރައްވާނެގޮތް ދިރާސާކުރެއްވުމަށްފަހު، ސުލޫކު ކޮމިޓީން ނިންމެވި ގޮތުގެ ރިޕޯޓް ފާސްކުރައްވަން ފެނިވަޑައިނުގަންނަވާކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ނިންމެވުމާ ގުޅިގެން އެމައްސަލަ ބާތިލްވެއްޖެއެވެ.

ސުލޫކު ކޮމިޓީން ނިންމެވި ގޮތުގެ ރިޕޯޓް ފާސްކުރައްވަން ފެނިވަޑައިނުގަންނަވާކަމަށް 34 މެންބަރަކު ވޯޓް ދެއްވާފައިވާއިރު، ފެނިވަޑައިގަންނަވާކަމަށް ވޯޓް ދެއްވީ 25 މެންބަރުންނެވެ. 2 މެންބަރަކު ވަކިފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެއެވެ.

ސުލޫކު ކޮމިޓީން ނިންމެވި ގޮތުގެ ރިޕޯޓަށް ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު ޢާމިރު އިސްލާޙެއް ހުށަހަޅާފައިވެއެވެ. ނަމަވެސް އެ އިސްލާޙްވެސް ފާސްކުރައްވާފައި ނުވެއެވެ. ފާސްކުރައްވަން ފެނިވަޑައިގަންނަވާކަމަށް ވޯޓް ދެއްވީ 20 މެންބަރުންނެވެ. 38 މެންބަރުން ފާސްކުރައްވަން ފެނިވަޑައިނުގަންނަވާކަމަށް ވޯޓް ދެއްވާފައިވާއިރު، 2 މެންބަރަކު ވަކިފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެއެވެ.

މިއަދުގެ ޖަލްސާގައި ކުރިއަށް ގެންދެވި އިތުރު ކަންތައްތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ބިލު، ކޮމިޓީ މަރުހަލާ ނިމި މަޖިލީހުން ރިޢާޔަތްކުރެއްވުމަށް ހުށަހެޅުއްވުމުން، އެ ބިލަށް މެންބަރުން ބަހުސްކުރައްވާފައިވެއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ސުލޫކުގެ ގަވާއިދު ދިރާސާކުރެއްވުމަށްފަހު ސުލޫކު ކޮމިޓީން ނިންމެވި ގޮތުގެ ރިޕޯޓް ހުށަހެޅުއްވުމުން، އެ ރިޕޯޓަށްވެސް ބަހުސް ކުރައްވަން ފައްޓަވާފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ދެންއޮންނާނީ 25 އޭޕްރީލް 2011 ވާ ހޯމަދުވަހު ހެނދުނު 9 ޖަހާއިރު ރައްޔިތުންގެ މަޖިލީހުގެ ގޭގައެވެ.

15 ޖުމާދަލްއޫލާ 1432

19 އޭޕްރީލް 2011