ލޮކް ސަބާގެ ތިރިގޭގެ ރިޓަޔާރޑް ސެކްރެޓަރީ ޖެނެރަލް އާ ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް ބައްދަލުކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މަސައްކަތްތައް ހަރުދަނާ ކުރެއްވުމަށް ލަފާ ދެއްވުމަށް މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިޔާގެ ލޮކް ސަބާގެ ތިރިގޭގެ ރިޓަޔާރޑް ސެކްރެޓަރީ ޖެނެރަލް މިސްޓަރ އެސް. ގޮޕަލަން އާ ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަލްފާޟިލް އަޙްމަދު ނާޒިމް އިއްޔެ ބައްދަލުކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީސްކުރާ ގޭގައި ކުރިއަށް ދިޔަ މިބައްދަލުވުމުގައި މިސްޓަރ އެސް. ގޮޕަލަން ވަނީ ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ މަޖިލީހުގެ އިދާރީ މަސައްކަތްތައް ހިނގާގޮތް މަޖިލީހުގެ ނާއިބު ރައީސްގެ އަރިހުން އޮޅުންފިލުއްވާފައެވެ.

މިވާހަކަތަކުގެ އިތުރުން، ދެބޭފުޅުން މަޝްވަރާކުރެއްވި ދާއިރާތަކުގެ ތެރޭގައި އިންޑިޔާ އަދި ފިލިޕީންސް ރޫލްސް އޮފް ޕްރޮސީޖާސް ހިމެނެއެވެ.

އެސް. ގޮޕަލަން ރާއްޖެ ވަޑައިގެން އުޅުއްވަނީ 16 އޭޕްރީލް އިން 13 މޭ އަށް ރައްޔިތުންގެ މަޖިލީހަށް ބޭނުންވާ ފަންނީ އެހީތެރިކަން ދެއްވުމަށެވެ.

14 ޖުމާދަލްއަވްލާ 1432

18 އޭޕްރީލް 2011