ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި މުވައްޒަފުން ޤައުމީ ފުޓްބޯޅަޓީމަށް ހިތްވަރުދިނުމުގެ ޙަފްލާއެއް ބާއްވައިފި

އަންނަ ޑިސެމްބަރުމަހު ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ބޭއްވޭ ސާފު ޗެމްޕިއަންޝިޕް 2009 ގެ ފުޓްބޯޅަ މުބާރާތުގެ ތަށި ދިފާއުކޮށް ޤައުމަށް ފަޚުރުވެރި ވަނައެއް މިދިޔައަހަރެކޭ އެއްގޮތަށް މިއަހަރުވެސް ހޯދާދިނުމަށް ތައްޔާރުވަމުންދާ ދިވެހި ޤައުމީޓީމަށް ހިތްވަރުދިނުގެގޮތުން މިއަދު ހެނދުނު 11:30 ގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި މުވައްޒަފުންގެ ފަރާތުން ޚާއްޞަ ޙަފްލާއެއް މަޖިލިސްކުރާގޭގައި ބާއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މުވައްޒަފުންގެ ސޯޝަލް ކްލަބުން އިންތިޒާމްކުރި މިޙަފްލާގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި މުވައްޒަފުންގެ ދަޢުވަތަކަށް ޤައުމީޓީމްގެ ކުޅުންތެރިންނާއި އޮފިޝަލުން މިޙަފްލާގައި ބައިވެރިވިއެވެ. މިޙަފްލާގައި ޤައުމީޓީމަށް މަރުޚަބާ ދަންނަވައި އަދި މިއަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ތަށި ދިފާޢުކޮށްދިނުމަށް ޓީމަށް ހިތްވަރުދެއްވުމުގެގޮތުން ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކާއި، ކެންދޫ ދާއިރާގެ މެންބަރު އަޙްމަދު ތަސްމީން ޢަލީ އާއި އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދާއި އަދި މުވައްޒަފުންގެ ފަރާތުން އަމީން ޢާންމު އަޙްމަދު މުޙަންމަދު ވާހަކަފުޅުދެއްކެވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ޤައުމީ ޓީމާއި މުޚާތަބް ކުރައްވަމުން ވިދާޅުވީ މަޖިލީހުގެ ތެރޭގައި ޕާޓީރޮގުން ސިޔާސީ ބައިބައިވުންތައް އޮތްކަމުގައިވީނަމަވެސް، މަޖިލީހުގެ އެންމެން އެއްބައިކޮށް ގުޅުވައިދޭ ބަޔަކީ ދިވެހި ޤައުމީ ފުޓްބޯޅަޓީމް ކަމުގައެވެ. މިމޭރުމުން ވާހަކަފުޅުދައްކަވަމުން ދިވެހި ޤައުމީ ފުޓްބޯޅަ ޓީމަކީ އެންމެން އެކުވެރި ކޮށްދޭ އެންމެ ބޮޑު ބާރުކަމުގައި ދެކެވަޑައިގަންނަވާކަމުގައި މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

ވަރަށް ޤައުމީ ރޫޙު ދިރިގެންދިޔަ އަދި ޤައުމީޓީމަށް ހިތްވަރުލިބޭ އެތަކެއް ބަސްތަކެއް އިވިގެންދިޔަ މިޙަފްލާގައި ފުޓްބޯޅަ އެސޯޝިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް ޢަލީ އާޒިމް އާއި ޤައުމީ ޓީމްގެ މެނޭޖަރ މަޢުރޫފް އަޙުމަދުވެސް ވާހަކަފުޅުދެއްކެވިއެވެ. ޢަލީ ޢާޒިމްގެ ވާހަކަފުޅުގައި މީގެކުރިން ތައްޔާރުނުވާހާ ފުރިހަމައަށް މިފަހަރު ޓީމަށް ތައްޔާރުވުމަށް ފުރުޞަތު ލިބުނުކަމަށާއި، ޓީމާދޭތެރޭ ވަރަށް ހިތްހަމަޖެހޭ ކަމަށާއި އަދި މުބާރާތުގެ ތަށި ދިފާޢުކުރެވޭނެކަމުގެ އިތުބާރު އޮތްކަމުގައި ވިދާޅުވިއެވެ. ޤައުމީޓީމުގެ ފަރާތުން ވާހަކަފުޅުދައްކަވަމުން މަޢުރޫފް ވިދާޅުވީ މަޖިލީހުގެ މެންބަރުންނާއި މުވައްޒަފުން ދެއްވެވި ހިތްވަރަށްޓަކައި އަޒުމް އާލާ ވެއްޖެކަމަށާއި ދިވެހި ރައްޔިތުންއެދޭ ގޮތުގެ މަތީން މިފަހަރުވެސް ސާފް ޗެމްޕިއަންޝިޕްގެ ތަށި ދިފާޢުކޮށް ރާއްޖެ ގެނަސްދިނުމަށްޓަކައި ވަރުގަދަ އަޒުމާއި ޤައުމީ ރޫޙުގައި ކުޅޭނެކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި މުވައްޒަފުން ޤައުމީ ފުޓްބޯޅަޓީމަށް ހިތްވަރުދިނުމުގެ ގޮތުން މިއަދު ބޭއްވުނު ޙަފްލާގައި މަޖިލީހުގެ މެންބަރުންނާއި ޓީމާއެކު ހަނދާނީ ފޮޓޯއެއް ނެގުންވެސް އޮތެވެ. އަދި ޙަފްލާ ނިމުނީ ޓީމްގެ ޝަރަފުގައި ދެވުނު ސައިފޮދަކުންނެވެ.