ޖިނާއީ އިޖްރާއަތުގެ ބިލުގެ ރައްޔިތުންގެ މަޖިލީހުން މިއަދު ބަލައިގެންފި (13 އޭޕްރިލް 2011)

ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު ހުށަހަޅުއްވާފައިވާ، ޖިނާއީ އިޖްރާއަތުގެ ބިލުގެ އިބްތިދާއީ ބަހުސް ނިންމަވައި މަޖިލީހުން މިބިލު މިއަދު ބަލައިގެންފިއެވެ. ޤައުމީ ސަލާމަތާއިބެހޭ ކޮމިޓީއަށް ފޮނުވުނު މިބިލު މަޖިލީހަށް ބަލައިގަތީ ހާޟިރުވެވަޑައިގެންތިއްބެވި 70 މެންބަރުންގެ ތެރެއިން ފެނިވަޑައިގަންނަވާކަމަށް 65 މެންބަރުން ވޯޓު ދެއްވައިގެންނެވެ. އަދި ފެނިވަޑައި ނުގަންނަވާކަމަށް އެއްވެސް މެންބަރަކު ވޯޓުދެއްވާފައި ނުވާއިރުު ވަކިގޮތަކަށް ވޯޓު ދެއްވަން ބޭނުންފުޅުނުވާ 1 މެންބަރަކު އިންނެވިއެވެ.

ދިވެހިބަހާއި އިސްލާމްދީން އިޖްބާރީ ދެ މާއްދާގެ ގޮތުގައި ކަނޑައެޅުމާގުޅޭގޮތުން ހުށަހަޅުއްވާފައިވާ ޤަރާރު ދިރާސާކުރެއްވި ކޮމިޓީގެ ރިޕޯޓްވަނީ މަޖިލީހަށް ހުށަހެޅިފައެވެ. މިއަދުގެ ޖަލްސާގައި އެޤަރާރަށް ހުށަހެޅުނު އިޞްލާޙަކާއެކު އަނބުރާ ކޮމިޓީއަށް ފޮނުވުމަށްވަނީ ފާސްކުރައްވާފައެވެ. މީގެ އިތުރުން ތިމަރަފުށީ ދާއިރާގެ މެންބަރު މުޙަންމަދު މުސްޠަފާ ހުށަހެޅުއްވި، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުގެ މައްސަލައަށް ބަހުސްކުރެއްވުމަށްފަހު އިތުރު ހުށަހެޅުމެއް ނެތުމާއިއެކު މިމައްސަލަވަނީ މިއަދުގެ ޖަލްސާގައި ނިންމަވާލައްވާފައެވެ.

ފުރަތަމަ ކިޔުން އިއްވުމުގެ ގޮތުން ސުރުޙީ އިއްވުނު ބިލަކީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހީމް މުއްޠަލިބް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2009/8 (ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލެވެ. އަދި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙްމަދު މަޚްލޫފް ހުށަހަޅުއްވާފައިވާ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 16 ވަނަ މާއްދާގެ ދަށުން ފުރަތަމަ ދައުރު ހިނގާ މުއްދަތު އިތުރުކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 142 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، އެގަވާއިދުގެ 144 ވަނަ މާއްދާގެ ދަށުން ޤަރާރުގެ ސުރުޙީވެސް ވަނީ އިއްވަވާފައެވެ.

މިއަދުގެ ޖަލްސާގައި އިބްތިދާއީ ބަހުސް ކުރިއަށްގެންދެވި ދެވަނަ ބިލަކީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހީމް މުއްޠަލިބް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2010/2 (މަޢާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ދެންއޮންނާނީ 18 އޭޕްރީލް 2011 ވާ ހޯމަދުވަހު ހެނދުނު 9 ޖަހާއިރު ރައްޔިތުންގެ މަޖިލީހުގެ ގޭގައެވެ.

9 ޖުމާދަލްއޫލާ 1432

13 އޭޕްރީލް 2011