ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި އައްޔަނުކުރައްވާފައިވާ ދެ ބޭފުޅުންނަށް މަޖިލީހުން ރުހުންދެއްވައިފި (11 އޭޕްރިލް 2011)

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ރ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށްޓަކައި، ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި އައްޔަނުކުރައްވާފައިވާ ދެ ބޭފުޅުންނަށް މަޖިލީހުން މިއަދު ރުހުންދެއްވައިފިއެވެ. މިއަދުގެ ޖަލްސާއަށް ހާޟިރުވި 76 މެންބަރުންގެ ތެރެއިން އެޓާނީ ޖެނެރަލްކަމަށް އަބްދުﷲ މުއިއްޒު ހުންނެވުމަށް ފެނިވަޑައިގަންނަވާކަމަށް 74 މެންބަރުން ވޯޓް ދެއްވާފައިވާއިރު، ފެނިވަޑައިނުގަންނަވާކަމަށް ވޯޓު ދެއްވީ އެންމެ މެންބަރެކެވެ. އަދި ފޮރިން މިނިސްޓަރ ކަމަށް އަޙްމަދު ނަސީމް ހުންނެވުމަށް 62 މެންބަރުން ވޯޓު ދެއްވިއިރު 6 މެންބަރުން ވޯޓު ދެއްވީ ފެނިވަޑައިނުގަންނަވާކަމަށެވެ. އަދި ވަކި ފަރާތަކަށް ވޯޓު ނުދެއްވާ 4 މެންބަރުން ތިއްބެވިއެވެ.

ޤާނޫނު ނަންބަރު 2009/8 (ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު، ކޮމިޓީ މަރުހަލާ ނިމި، މަޖިލީހުން ރިޢާޔަތް ކުރެއްވުމަށް މިއަދުގެ ޖަލްސާއަށް ވަނީ ހުށަހެޅިފައެވެ. މިއަދުގެ ޖަލްސާގައި އެބިލަށް ހުށަހެޅުނު 2 އިޞްލާޙަކާއެކު ވަނީ މަޖިލީހުން ފާސްކުރައްވާފައެވެ. އަދި މިއަދުގެ ޖަލްސާގައި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2009/8 (ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހުން ބަލައިގަތުމަށް ފެނިވަޑައިގަންނަވާތޯ ވޯޓަށް އެއްސެވުމުން، ފެނިވަޑައި ނުގަންނަވާކަމަށް މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ.

މީގެއިތުރުން މިއަދުގެ ޖަލްސާއަށް އޭޕްރިލް 10 ވަނަ ދުވަހު ސަރުކާރުން ޑޮލަރު ވިއްކާ އެންމެ މަތީ އަގު 15 ރުފިޔާ 42 ލާރިއަށް ބޮޑުކުރުމުގެ ސަބަބުން ދިވެހި ރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވެދާނެ މައްސަލަތަކާއި މެދު ކަންބޮޑުވުން ފާޅުކުރައްވައި، ކުއްލި މައްސަލައެއް ވަނީ ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަޙީދު ހުށަހަޅުއްވާފައެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙްމަދު މަޚްލޫފް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 99/2 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލާއި ޤާނޫނު ނަންބަރު 2010/18 (ގޭންގު ކުށްތައް މަނާކުރުމާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުމުގެ ގޮތުން އެ ބިލުގެ ސުރުޚީ މަޖިލީހަށް އިއްވާފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ދެންއޮންނާނީ 12 އޭޕްރީލް 2011 ވާ އަންގާރަދުވަހު ހެނދުނު 9 ޖަހާއިރު ރައްޔިތުންގެ މަޖިލީހުގެ ގޭގައެވެ.

7 ޖުމާދަލްއޫލާ 1432

11 އޭޕްރީލް 2011