ނޭޝަނަލް ކްރައިމް ޕްރިވެންޝަން ކޮމިޓީގެ އެދިވަޑައިގަތުމަކަށް އެކޮމިޓީ އާ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު މިއަދު ބައްދަލުކުރައްވައިފިއެވެ.
މަޖިލީހުގެގޭ ބޭއްވެވި މި ބައްދަލުކުރެއްވުމުގައި މަޖިލީހުގެ ރައީސްގެ އަރިހުގައި އެމަނިކުފާނުގެ ދަޢުވަތަކަށް މަޖިލީހުގެ ނާއިބު ރައީސް އަލްފާޟިލް އަޙްމަދު ނާޒިމް އާއި މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ އަދި މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއިބެހޭ ކޮމިޓީގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
ނޭޝަނަލް ކްރައިމް ޕްރިވެންޝަން ކޮމިޓީ އަކީ ދިވެހިރައްޔިތުންނާއި ދިވެހިރާއްޖޭގައި ދިރިއުޅޭ އެންމެހައި ފަރާތްތަކާއި ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ހިތްތަކުގައި ބިރުވެރިކަން އުފެދި، ޤައުމުގެ އިޤްތިޞާދަށް ހުރަސްއެޅި ޤައުމަށް ނޭދެވޭ ބޮޑެތި އަސަރުތަކެއް ކުރަމުންދާތީ، އެހާލަތުން ޤައުމު ސަލާމަތްކޮށް، ރައްކާތެރި އަމާން ތަނަކަށް ހެދުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އެކުލައްވާފައިވާ ކޮމިޓީ އެކެވެ.
މި ބައްދަލުކުރެއްވުމުގައި ނޭޝަނަލް ކްރައިމް ޕްރިވެންޝަން ކޮމިޓީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ އަލްފާޟިލް އަމީން ފައިޞަލް، މިނިސްޓަރ އޮފް ހޯމް އެފެއާޒް އަލްފާޟިލް ޙަސަން އަފީފް، އެޓަރނީ ޖެނެރަލް އަލްއުސްތާޛް އަބްދުﷲ މުޢިއްޒު، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އަލްއުސްތާޛް މުޙައްމަދު މުޢިއްޒު އަދުނާނު އަދި ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛް އަޙްމަދު މުޢިއްޒު އެވެ.
މިބައްދަލުކުރެއްވުމުގައި ރާއްޖޭގެ ޖިނާޢީ ކުށްކުރުމުގެ ހާލަތާބެހޭގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ޑެޕިއުޓީ ކަމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ރިޟްވާން މަޢުލޫމާތު ދެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި މުޖުތަމަޢުގައި ހިނގަމުންދާ މާރާމާރީތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވެވިއެވެ. އަދި އެކަންތައް ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތަކާ ގުޅޭގޮތުންވެސް ވާހަކަދެއްކެވިއެވެ.
2 ޖުމާދަލްއޫލާ 1432
6 އޭޕްރީލް 2011