މިއަދުގެ ކޮމިޓީތަކުގެ ބައްދަލުވުންތައް ހިނގަމުންދިޔަގޮތް (6 އޭޕްރީލް 2011)

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގެ ތެރެއިން މިއަދުގެ 14:45 އާ ހަމަޔަށް 12 ކޮމިޓީއެއްގެ މަސައްކަތް ވަނީ ކުރިއަށްގެންދަވާފައެވެ. އަދި ތިން ކޮމިޓީއެއް ވަނީ ކެންސަލް ކުރެވިފައެވެ. އެއީ ޤައުމީ ސަލާމަތުގެ ކޮމިޓީގެ ސަބް ކޮމިޓީ އާއި މިނިވަން މުއައްސަސާ ކޮމިޓީގެ ސަބް ކޮމިޓީ އަދި ޕެޓިޝަން ކޮމިޓީ އެވެ.

ޤައުމީ ސަލާމަތުގެ ކޮމިޓީގެ ސަބް ކޮމިޓީ ކެންސަލް ކުރެވިފައިވަނީ ކޮރަމް ހަމަނުވުމުގެ ސަބަބުންނެވެ. 5 މެންބަރުން ތިއްބަވާ އެކޮމިޓީ ބޭއްވުމަށް ތައާވަލްކުރެވުނީ މެންދުރު 12:30 ގައެވެ. ކޮމިޓީއަށް ވަޑައިގެންނެވީ ފެލިދޫ ދާއިރާގެ މެންބަރު ޔޫސުފް ނައީމް އާއި ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާ އެވެ. ވަޑައިނުގަންނަވާ މެންބަރުންނަކީ ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު އާއި ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ އަދި މަނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ޠާރިޤް އެވެ.

14:00 ގައި ބޭއްވުމަށް ހަމަޖެހިފައިވާ މިނިވަން މުއައްސަސާ ކޮމިޓީގެ ސަބް ކޮމިޓީ ބޭއްވިފައިނުވަނީ މިނިވަން މުއައްސަސާ ކޮމިޓީގެ މުޤައްރިރު އަދި ހަނިމާދޫ ދާއިރާގެ މެންބަރު މުޙައްމަދު މުޖްތާޒް ކެންސަލް ކުރައްވަން ނިންމެވުމުންނެވެ. 14:45 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ޕެޓިޝަން ކޮމިޓީގެ ބައްދަލުވުން ކެންސަލްކުރެވިފައިވަނީ އިމްތިޔާޒްގެ ބިލު ދިރާސާކުރައްވާ ކޮމިޓީގެ ނިއުސް ކޮންފަރެންސް ޕެޓިޝަން ކޮމިޓީގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވާ ކޮމިޓީ ރޫމްގައި އޮތުމުގެ ސަބަބުންނެވެ.

މިއަދު ބޭއްވިފައިވާ ކޮމިޓީތަކަކީ 9:30 ގައި އިޤްތިޞާދީ ކޮމިޓީ އާއި މާލިއްޔަތު ކޮމިޓީ އަދި ޢާންމު ކޮމިޓީ އެވެ. 11:15 ގައި އިޖްތިމާޢީ ކޮމިޓީ އާއި ޤައުމީ ތަރައްޤީގެ ކޮމިޓީ އަދި މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީ އެވެ. 12:30 ގައި ޤައުމީ ސަލާމަތުގެ ކޮމިޓީގެ ސަބް ކޮމިޓީ އާއި ގެވެށި އަނިޔާ ހުއްޓުވުމުގެ ބިލު ދިރާސާކުރެއްވުމަށް ހޮއްވެވި ކޮމިޓީ އަދި އިމްތިޔާޒް ބިލު ދިރާސާކުރާ ކޮމިޓީ އެވެ.

މެންދުރު ފަހު 4 ކޮމިޓީއެއްގެ ބައްދަލުވުން ކުރިއަށް ގެންދެވިފައިވެއެވެ. އެއީ 14:00 ގައި ސަރުކާރު މަސްޢޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ، 14:15 ގައި ޤައުމީ ސިއްޙީ އިންޝުއަރަންސް ބިލު ދިރާސާކުރާ ކޮމިޓީ، 14:30 ގައި ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތުގެ ބިލު ދިރާސާކުރެއްވުމަށް ހޮއްވެވި ކޮމިޓީ އަދި 14:45 ގައި ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ އެވެ.

މިރޭ ބޭއްވުމަށް ތާވަލްކުރެއްވިފައިވަނީ 20:45 ގައި އިމްތިޔާޒް ބިލު ދިރާސާކުރާ ކޮމިޓީގެ ބައްދަލުވުމެވެ.

2 ޖުމާދަލްއޫލާ 1432

6 އޭޕްރީލް 2011