ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް ބޭފުޅެއްގެ ނަން މަޖިލީހުން ފާސްކުރައްވައިފި

ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ 62 ވަނަ މާއްދާގެ (ބ) ގައިވާ ގޮތުގެމަތިން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް ރައްޔިތުންގެ މަޖިލީހުން ބޭފުޅެއްގެ ނަން މިއަދު ފާސްކުރައްވައިފިއެވެ. މަޖިލީހުން ފާސްކުރެއްވި ނަންފުޅަކީ ޢާންމުންގެ ތެރެއިން އެކަމަށް ކުރިމަތިލެއްވި ދަފްތަރު ނަންބަރު 1548 އަލްފާޟިލް މުޙައްމަދު ޒާހިދު އެވެ.

މީގެއިތުރުން ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ 62 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް މަދަނީ ޖަމްއިއްޔާތަކުގެ ތެރެއިން އެކަމަަށް ކުރިމަތިލެއްވި ބޭފުޅެއްގެ ނަން ފާސްކުރައްވަން ފެނޭތޯވެސް ވޯޓަށް އައްސަވާފައިވެއެވެ. އެހެންނަމަވެސް މަޖިލީހުން ނިންމާފައިވަނީ މަދަނީ ޖަމްއިއްޔާތަކުގެ ތެރެއިން އެކަމަަށް ކުރިމަތިލެއްވި ސ.ހިތަދޫ އެވަރގްރީން އަލްފާޟިލް ތޯރިޤް އަލީ ލުތުފީ ގެ ނަންފުޅު ފާސްކުރައްވަން ފެނިވަޑައިނުގަންނަވާކަމަށެވެ.

މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ހުށަހަޅުއްވާފައިވާ، އަނިޔާ މަނާކުރުމާއި ހުއްޓުވުމުގެ ބިލު މަޖިލީހުން ބަލަައިގަނެފައިވެއެވެ. މިބިލު މަޖިލީހުން ބަލައިގަނެފައިވަނީ 69 މެންބަރުންގެ އިއްތިފާޤުންނެވެ.

މިއަދު ދެ ބިލެއްގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންގޮސްފައިވެއެވެ. އެއީ ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2009/8 (ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލާއި ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޝިފާޤް މުފީދު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލެވެ. އަދި ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2007/4 (އޮޑިޓް ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުމުގެ ގޮތުން އެ ބިލުގެ ސުރުޚީ މަޖިލީހަށް އިއްވާފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ދެންއޮންނާނީ 6 އޭޕްރީލް 2011 ވާ ބުދަދުވަހު ހެނދުނު 9 ޖަހާއިރު ރައްޔިތުންގެ މަޖިލީހުގެ ގޭގައެވެ.

1 ޖުމާދަލްއޫލާ 1432

5 އޭޕްރީލް 2011