ރައްޔިތުންގެ މަޖިލީހުގެ ރައީސް ބޫޓާނުގެ ބޮޑުވަޒީރު އާ މިއަދު ބައްދަލުކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު ބޫޓާނުގެ ބޮޑުވަޒީރު ލިޔޮންޗޮން ޖިގްމީ ޔޮއެޒަރ ތިންލޭ އާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ކުރުނބާ މޯލްޑިވްސްގައި ކުރިއަށް ދިޔަ މި ބައްދަލުކުރެއްވުމުގައި ބޮޑުވަޒީރު ޖިގްމީ ރާއްޖެއަށް ދަތުރުފުޅެއް ކުރެއްވި ކަމަށްޓަކައި މަޖިލީހުގެ ރައީސް މަރުޙަބާ ވިދާޅުވިއެވެ. އަދި މަޖިލީހުގައި ކުރެވެމުންދާ މަސައްކަތްތަކާއި ރާއްޖޭގެ ސިޔާސީ މަޝްރަހު ބޮޑުވަޒީރު ޖިގްމީ އަށް އޮޅުންފިލުވައި ދެއްވިއެވެ.

ބޮޑުވަޒީރު ޖިގްމީ ގެ ވާހަކަފުޅުގައި ރާއްޖެއަށް ދަތުރުފުޅެއް ކުރެއްވުމަކީ އެމަނިކުފާނަށް ވަރަށް ބޮޑު އުފާފުޅެއް ލިބިވަޑައިގެންނެވި ކަމެއް ކަމުގައި ވިދާޅުވިއެވެ. ރާއްޖެ ފަދައިން ބޫޓާން އަކީ ޑިމޮކްރަސީ ހަރުދަނާ ކުރަމުން އަންނަ ޤައުމެއްކަން ފާހަގަކުރައްވައި، ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާ ކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުން ބޫޓާނަށް ގިނަ ފިލާވަޅުތަކެއް ހޯދިދާނެކަމަށް ބޮޑުވަޒީރު ތިންލޭ ވިދާޅުވިއެވެ. އަދި ޑިމޮކްރަސީއެއް އަށަގެންނެވުމަށް ކުރަމުންދާ މަސައްކަތުގައި ދެގައުމުގެ ދެމެދު ވަރަށް އެއްގޮތް ކަންތައްތަކެއް ހުރިކަންވެސް ބޮޑުވަޒީރު ތިންލޭގެ ވާހަކަފުޅުގައި ފާހަގަކުރައްވައި، ޑިމޮކްރަސީގެ ޘަގާފަތެއް ޤާއިމްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.

މީގެ އިތުރުން، ބައިނަލްއަޤްވާމީ މަސްރަޙާއި، ދެ ޤައުމުގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީއާ ބެހޭގޮތުންވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ސާކްގެ މިހާރުގެ ޗެއަރމަންގެ ޙައިސިއްޔަތުން ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި، ބޫޓާނުގެ ބޮޑުވަޒީރު ޖިގްމީ ރާއްޖެ ވަޑައިގެންނެވީ ބުރާސްފަތި ދުވަހު އެވެ.

29 ރަބީޢުލްއާޚިރު 1432

3 އޭޕްރީލް 2011