ނިޒާމް ގެއްލި މިއަދުގެ ޖަލްސާ ނިންމަވާލައްވައިފި

ރައްޔިތުންގެ މަޖިލީހުގެ 2011 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 10 ވަނަ ޖަލްސާ ކުރިއަށް ނުގެންދެވޭނެކަމަށް ފެންނާތީ، ޖަލްސާ ނިންމަވާލައްވައިި 29 މާޗް 2011 ވާ އަންގާރަ ދުވަހު ދެންއޮންނަ ޖަލްސާއެއް ބޭއްވުމަށް ރިޔާސަތުން މިއަދު ނިންމަވައިފި އެވެ.

މިއަދުގެ ޖަލްސާގައި ފޭދު ދާއިރާގެ މެންބަރު އަލްޙާން ފަޙުމީގެ ނަން އިއްވަވާފައިވެއެވެ. އެހެންނަމަވެސް ޖަލްސާކުރާ މާލަން ދޫކުރައްވައި ވަޑައިގަތުމަށް ދެކޮޅު ހެއްދެވެމުން ރިޔާސަތުން ޖަލްސާ ނިންމަވާލެއްވިއެވެ.

މަޖިލީހުގެ ޤަވާއިދުގެ 54 ވަނަ މާއްދާގެ (ޅ) ގައިވަނީ މެންބަރެއްގެ ނަން މަޖިލީހުގެ ރައީސް އިއްވަވައިފިނަމަ އެމެންބަރަކު ވަގުތުން ޖަލްސާ ދޫކުރައްވައި ވަޑައިގަންނަވަން ވާނެކަމަށާއި އެޖަލްސާގެ ބާކީ އޮތް ބައިގައި އެމެންބަރަކަށް ބައިވެރިވެވަޑައިނުގެންނެވޭނެ ކަމަށެވެ.

މިއަދުގެ ޖަލްސާގައި 23 މާޗް 2011 ވަނަ ވީ ބުދަ ދުވަހުގެރޭ ބަރޮސް ރިސޯޓަކަށް ގްރޫޕަކުން އަރާ ހިންގި ކަންތައްތަކުގެ ސަބަބުން ރާއްޖޭގެ ރިޒޯޓްތަކުގެ ސަލާމަތާއި ރައްކާތެރިކަމާއިމެދު ކަންބޮޑުވެ، ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަޙީދު ހުށަހެޅުއްވި ކުއްލި މައްސަލަ 46 މެންބަރުންގެ އަޤްލަބިއްޔަތުން ބަލައިގެންފައިވެއެވެ.

މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ހުށަހަޅުއްވާފައިވާ، އަނިޔާ މަނާކުރުމާއި ހުއްޓުވުމުގެ ބިލާއި       ތިމަރަފުށި ދާއިރާގެ މެންބަރު މުޙަންމަދު މުޞްޠަފާ ހުށަޅުއްވާފައިވާ ޤާނޫނު ނަންބަރު 81/6 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޤާނޫނު 1981) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި ދަރިވަރުންގެ ލޯނުގެ ބިލަށް ހުށަހެޅިފައިވާ ހުށަހެޅުމަށް ވޯޓަށް އަހައި 61 މެންބަރުންގެ އަޤްލަބިއްޔަތުން ފާސްކޮށްފައިވެއެވެ.

23 ރަބީޢުލްއާޚިރު 1432

28 މާޗް 2011