މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް މެންބަރުން ޢައްޔަންކުރެއްވުމަށްޓަކައި ހުށަހެޅުއްވި 7 ނަމަކަށް މަޖލީހުން ރުހުން ދެއްވައިފި

ޤާނޫނު ނަންބަރު 2010/16 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) ގެ ދަށުން އުފައްދަންޖެހޭ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް މެންބަރުން ޢައްޔަންކުރެއްވުމަށްޓަކައި ހުށަހަޅުއްވާފައިވާ ނަންފުޅުތައް އިޤްތިޞާދީ ކޮމިޓީން ދިރާސާކުރައްވައި ނިންމެވި ގޮތުގެ ރިޕޯޓުގައިވާ ނަންފުޅުތަކުގެ ތެރެއިން 7 ނަމަކަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދެއްވައިފިއެވެ.

މަޖިލީހުން ރުހުން ދެއްވި 7 ނަމަކީ އަލްފާޟިލް ބަދުރުއްނަޞީރު، އަލްފާޟިލާ އައިޝަތު ހަނާ، އަލްފާޟިލް މުޙައްމަދު ޝަހީބް، އަލްފާޟިލާ މަރިޔަމް ޝައުޤީ، އަލްފާޟިލް އިބްރާހީމް އަޝްރަފް، އަލްފާޟިލާ މޫމިނާ އާދަމް އަދި އަލްފާޟިލް އަބްދުﷲ ޝުޖާޢު އެވެ.

މީގެއިތުރުން މާވަށު ދާއިރާގެ މެންބަރު ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު  2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު، މަޖިލީހުން ބަލައިގަތުމަށް މިއަދުގެ ޖަލްސާގައި ނިންމާފައިވެއެވެ.

މިއަދުގެ ޖަލްސާގައި މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަޙްމަދު ދީދީ ހުށަހަޅުއްވާފައިވާ، މުސާރައިގެ އޮނiގަނޑުގެ ޤަރާރު އާއި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހީމް މުއްޠަލިބް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 96/10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު ކުރިއަށްގެންގޮސްފައިވެއެވެ. އަދި      ދަރިވަރުންގެ ލޯނުގެ ބިލު، ކޮމިޓީ މަރުހަލާ ނިމި މަޖިލީހުން ރިޢާޔަތްކުރެއްވުމަށް ހުށަހެޅުއްވާފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ދެންއޮންނާނީ 23 މާޗް 2011 ވާ ބުދަަދުވަހު ހެނދުނު 9 ޖަހާއިރު ރައްޔިތުންގެ މަޖިލީހުގެ ގޭގައެވެ.

17 ރަބީޢުލްއާޚިރު 1432

22 މާޗް 2011