4 ވަޒީރަކަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވައިފި

ރައްޔިތުންގެ މަޖިލީހުގެ 2011 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 7 ވަނަ ޖަލްސާގައި ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ހ) ގެ ދަށުން ވަޒީރުންގެ މަޖިލީހަށް ޢައްޔަންކުރައްވާފައިވާ މެންބަރުންގެ ތެރެއިން 4 މެންބަރަކަށް މިއަދު ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވައިފިއެވެ.

ވަކިވަކިން ހުށަހަޅައިގެން 5 މެންބަރުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވި 4 ބޭފުޅުންނަކީ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން އަލްފާޟިލް މުޙައްމަދު އާދިލް ސަލީމް އާއި މިނިސްޓަރ އޮފް ޓޫރިޒަމް އާޓްސް އެންޑް ކަލްޗަރ ޑރ. މަރިޔަމް ޒުލްފާ އާއި މިނިސްޓަރ އޮފް ހޯމް އެފެއަރޒް އަލްފާޟިލް ޙަސަން އަފީފް އަދި މިނިސްޓަރ އޮފް އެޑިއުކޭޝަން އަލްފާޟިލާ ޝިފާ މުޙައްމަދު އެވެ. މަޖިލީހުން ރުހުން ދެއްވާފައިނުވާ ބޭފުޅަކީ އެޓަރނީ ޖެނެރަލް ކަމުގެ މަޤާމަށް ސަރުކާރުން ނަން ހުށަހެޅުއްވި ޑރ. އަލީ ސަވާދު އެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ރ) ގެ ދަށުން، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށްޓަކައި، ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި ޢައްޔަންކުރައްވާފައިވާ ދެ ބޭފުޅުންގެ ނަންފުޅު ސަރުކާރު މަސްޢޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ދިރާސާކުރައްވައި ނިންމެވި ގޮތުގެ ރިޕޯޓް އާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ރ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށްޓަކައި، ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި ޢައްޔަންކުރައްވާފައިވާ ތިން ބޭފުޅުންގެ ނަންފުޅުތައް، ސަރުކާރު މަސްޢޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ދިރާސާކުރައްވައި ނިންމެވި ގޮތުގެ ރިޕޯޓް މިއަދުގެ ޖަލްސާގައި ހުށަހަޅުއްވާފައިވެއެވެ. އަދި     ޤާނޫނު ނަންބަރު 2010/16 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) ގެ ދަށުން އުފައްދަންޖެހޭ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް މެންބަރުން ޢައްޔަންކުރެއްވުމަށްޓަކައި ހުށަހަޅުއްވާފައިވާ ނަންފުޅުތައް އިޤްތިޞާދީ ކޮމިޓީން ދިރާސާކުރައްވައި ނިންމެވި ގޮތުގެ ރިޕޯޓްވެސް ހުށަހަޅުއްވާފައިވެއެވެ.

މިއަދުގެ ޖަލްސާގައި ހޯރަފުށި ދާއިރާގެ މެންބަރު އަލްފާޟިލް އަޙްމަދު ރަޝީދު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2010/2 (މަޢާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު އަނބުރާ ގެންދަވާފައިވާތީ ބިލުގެ މަރުހަލާ ނިމުކަން ރިޔާޞަތުން އިޢުލާނު ކުރައްވާފައިވެއެވެ. އަދި މާވަށު ދާއިރާގެ މެންބަރު އަލްފާޟިލް ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު  2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ބަހުސް މަރުހަލާ ނިންމަވާލައްވާފައިވެއެވެ.

މިމަސައްކަތްތަކުގެ އިތުރުން ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު ހުށަހަޅުއްވާފައިވާ، ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ބިލުގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންދަވާފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ދެންއޮންނާނީ 22 މާޗް 2011 ވާ އަންގާރަދުވަހު ހެނދުނު 9 ޖަހާއިރު ރައްޔިތުންގެ މަޖިލީހުގެ ގޭގައެވެ.

16 ރަބީޢުލްއާޚިރު 1432

21 މާޗް 2011