ޗައިނާ އާއި ސިންގަޕޫރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުން މަޖިލީހުގެ ރައީސްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

ޗައިނާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހަރ އެކްސެލަންސީ މެޑަމް ޔޭންގ ޒިއުފިންގ އާއި ސިންގަޕޫރު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލަންސީ ޑރ ޗުއަރ ޔޮންގ ހައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދުގެ އަރިހަށް މިއަދު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީސްކުރާ ގޭގައި ވަކިވަކިން ބޭއްވުނު މިބައްދަލުކުރެއްވުމުގައި މަޖިލީހުގެ ރައީސް މި ދެ ބޭފުޅުން މަޖިލީހުގެ ގެއަށް ކުރެއްވި ޒިޔާރަތަށް ޝުކުރު އަދާކުރެއްވިއެވެ. އަދި މަޖިލީހުގައި މިހާރު ކުރެވެމުންދާ މަސައްކަތްތަކާއި ރާއްޖޭގެ ސިޔާސީ މަޝްރަހަށް އަންނަމުންދާ ބަދަލުތައް މި ދެބޭފުޅުންނަށް އޮޅުންފިލުވައި ދެއްވިއެވެ.

ޗައިނާގެ ސަފީރާއެކު ކުރިއަށް ގެންދެވި ބައްދަލުވުމުގައި އެމަނިކުފާނު ޗައިނާއަށް ޖެނުއަރީމަހު ކުރެއްވި ރަސްމީ ދަތުރުފުޅުގައި ޗައިނާގެ ސަރުކާރުން އަދާކުރެއްވި ފުރިހަމަ މެހެމާންދާރީއަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ދެޤައުމުގެ ދެމެދު ގުޅުން ބަދަހިކުރެވިދާނެ އިތުރު ދާއިރާތަކާ ގުޅޭގޮތުން ދެބޭފުޅުން ޚިޔާލު ބަދަލުކުރައްވާ އިތުރަށް ކުރެވިދާނެ ކަންކަން އޮޅުންފިލުއްވިއެވެ.

ސިންގަޕޫރުގެ ސަފީރު އާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި މަޖިލީހުގެ ރައީސް ދެއްކެވި ވާހަކަފުޅުގައި ސިންގަޕޫރަކީ ރާއްޖޭގެ ގިނަ މީހުންނަށް ވަރަށް މަޤްބޫލު މަންޒިލެއް ކަމަށާއި ދިވެހިން ގިނަ އަދަދަކަށް ޗުއްޓީގައި ސިންގަޕޫރަށް ދާކަން ފާހަގަކުރައްވައި އަދި ސިންގަޕޫރުގެ އިޤްތިސާދާ ބެހޭގޮތުން ބައެއް މަޢުލޫމާތު ސަފީރުގެ އަރިހުން އޮޅުންފިލުވައި އަދި މީގެއިތުރުން މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދަވާގޮތާއި ރާއްޖޭގެ ސިޔާސީ މަޝްރަހާބެހޭ މަޢުލޫމާތު ސަފީރަށް ދެއްވިއެވެ. ސިންގަޕޫރުގެ ސަފީރުގެ ވާހަކަފުޅުގައި މިމޭމަހުގެ ތެރޭގައި ސިންގަޕޫރަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ މަޖިލީހުގެ ވަފްދުގެ އިންތިޒާމްތައް ކުރިއަށް ގެންދަވާކަމަށާއި މަޖިލީހުގެ ކަންކަމަށް އަބަދުވެސް އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.

11 ރަބީޢުލްއާޚިރު 1432

16 މާޗް 2011