ސަރުކާރުގެ ފަރާތުން ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނު އަށް އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހުން ބަލައިގަނެފި

ސަރުކާރުގެ ފަރާތުން މަޑަވެލި ދާއިރާގެ މެންބަރު އަލްފާޟިލް މުޙަންމަދު ނާޒިމް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2009/8 (ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ބަލައިގެންފިއެވެ.

ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނު މަޖިލީހުގެ އިޖްތިމާޢީ ކޮމިޓީއަށް ފޮނުއްވުމަށް މަޖިލީހުން ފާސްކުރެއްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ޖުމްލަ 57 މެންބަރުންގެ ތެރެއިން 56 މެންބަރުން ގެ އަޤްލަބިއްޔަތުންނެވެ. މިހުށަހެޅުމާއި ދެކޮޅަށް ވޯޓު ދެއްވީ އެންމެ މެންބަރެކެވެ. އެއްވެސް މެންބަރަކު ވަކިފަރާތަކަށް ވޯޓު ދެއްވާފައެއް ނުވެއެވެ.

މިބިލުގެ އިތުރުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ މަސައްކަތުގެ ދާއިރާއަށް ބައެއް ބަދަލު ގެންނަވާފައިވާތީ، އެމަސައްކަތުގެ ދާއިރާތައް މަޖިލީހުން ފާސްކުރުމުގެ މައްސަލަ ދިރާސާކުރައްވައި މަޖިލީހަށް ހުށަހެޅުމަށްޓަކައި އެ މައްސަލަ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީއަކަށް ފޮނުވުމަށްވެސް މަޖިލީހުން ނިންމެވިއެވެ. އިޤްތިޞާދީ ކޮމިޓީއަކަށް ފޮނުވުމަށް ފާސްކުރެއްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ޖުމްލަ 58 މެންބަރުންގެ ތެރެއިން 57 މެންބަރުން ގެ އަޤްލަބިއްޔަތުންނެވެ. ދެކޮޅަށް އެއްމެންބަރަކު ވޯޓް ދެއްވާފައިވާއިރު އެއްވެސް މެންބަރަކު ވަކިފަރާތަކަށް ވޯޓު ދެއްވާފައެއް ނުވެއެވެ.

މިއަދުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 25 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތiން، ރިޔާސީ ބަޔާނަށް އަރުވާ ޖަވާބު އިއްވެވުން އޮތެވެ. ރިޔާސީ ބަޔާނަށް ޖަވާބު އެރުއްވީ މަޖިލީހުގެ މެޖޯރިޓީ ލީޑަރ އަދި ކެންދޫ ދާއިރާގެ މެންބަރު އަލްފާޟިލް އަޙްމަދު ތަސްމީން ޢަލީ އެވެ.

މީގެއިތުރުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 95 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މަޖިލީހަށް ދީފައިވާ ލަފާ އިއްވުން އޮތެވެ.

މިއަދުގެ ޖަލްސާގައި ވިލުފުށި ދާއިރާގެ މެންބަރު އަލްފާޟިލް ރިޔާޒް ރަޝީދު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލާއި ހޯރަފުށި ދާއިރާގެ މެންބަރު އަލްފާޟިލް އަޙްމަދު ރަޝީދު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2010/2 (މަޢާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު ގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންގޮސްފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ދެންއޮންނާނީ 21 މާޗް 2011 ވާ ހޯމަ ދުވަހު ހެނދުނު 9 ޖަހާއިރު ރައްޔިތުންގެ މަޖިލީހުގެ ގޭގައެވެ.

11 ރަބީޢުލްއާޚިރު 1432

16 މާޗް 2011