ޗެކް ރިޕަބްލިކް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު މަޖިލީހުގެ ރައީސްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

ޗެކް ރިޕަބްލިކް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ހިޒް އެކްސެލެންސީ މރ.މްލޮސްލެވް ސްޓާސެކް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދުގެ އަރިހަށް މިއަދު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީސްކުރާ ގޭގައި ކުރިއަށް ދިޔަ މިބައްދަލުކުރެއްވުމުގައި މަޖިލީހުގެ ރައީސް ޗެކް ރިޕަބްލިކްގެ ސަފީރަށް ތަޙުނިޔާ ވިދާޅުވި އެވެ. އަދި ރާއްޖެއާއި ޗެކް ރިޕަބްލިކް އާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. މިގޮތުން ދެޤައުމުގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެއްޤައުމު އަނެއް ޤައުމަށް ޒިޔާރަތްކުރައްވައި ތަޖުރިބާ ހިއްޞާކުރެއްވުމަށް ޗެކް ރިޕަބްލިކްގެ ސަފީރު ހުށަހެޅުއްވިއެވެ. އަދި ތިމާވެށީގެ ރޮނގުންނާއި އަސްކަރީގޮތުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެއްވަން ބޭނުންފުޅުވާކަމަށް ޗެކް ރިޕަބްލިކްގެ ސަފީރު ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސްގެ ވާހަކަފުޅުގައި ޗެކް ރިޕަބްލިކްގެ ސަފީރު ކުރެއްވި ޒިޔާރަތަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ރާއްޖޭގެ އިޤްތިޞާދީ އަދި ސިޔާސީ މަޝްރަޙް އެމަނިކުފާނަށް އޮޅުންފިލުވައިދެއްވައި ރާއްޖެއަށް މިދާއިރާތަކުން ދިމާވެފައިވާ ގޮންޖެހުންތަކާބެހޭ މައުލޫމާތުވެސް ހިއްޞާ ކުރެއްވިއެވެ.

27 ރަބީޢުލްއައްވަލް 1432

2 މާޗް 2011