ޕޮލަންޑް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު މަޖިލީހުގެ ނާއިބު ރައީސްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

ޕޮލަންޑް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ޕްރޮފެސަރ ޕިއޯޓަރ ކްލޮޑްކޯސްކީ ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަޙްމަދު ނާޒިމްގެ އަރިހަށް މިއަދު އިޙްތިރާމްގެ ޒިޔާރާތެއް ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީސްކުރާ ގޭގައި ކުރިއަށް ދިޔަ މިބައްދަލުކުރެއްވުމުގައި މަޖިލީހުގެ ނާއިބު ރައީސް ޕޮލަންޑްގެ ސަފީރަށް ތަޙުނިޔާ ވިދާޅުވިއެވެ. އަދި ރާއްޖެއާއި ޕޮލަންޑް އާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ޕޮލަންޑްގެ ސަފީރު ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތާ، ސިޔާސީ، އިޖްތިމާޢީ، އިޤްތިޞާދީ އަދި ތިމާވެށީގެ ޙާލަތާއި ގުޅޭގޮތުން މައުލޫމާތު އޮޅުންފިލުއްވާފައެވެ. އަދި އިޤްތިޞާދީގޮތުން ރާއްޖެ ހޯއްދަވަމުން ގެންދަވާ ކާމިޔާބިތައް ފާހަގަކުރައްވައި އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުން ރާއްޖެ އުނިވެފައިވާތީ ޕޮލަންޑްގެ ސަފީރު މަރުޙަބާ ވިދާޅުވިއެވެ.

މަޖިލީހުގެ ނާއިބު ރާއިސްގެ ވާހަކަފުޅުގައި ރާއްޖޭގެ ތަރައްޤީއަށް ހުރި ގޮންޖެހުންތަކާއި ރާއްޖެއަށް ކުރިމަތިވެފައިވާ ތިމާވެށީގެ މައްސަލަތައް އޮޅުންފިލުވައި ދެއްވިއެވެ. އަދި ތިމާވެއްޓާ ރައްޓެހި ޓެކްނޮލޮޖީ ޤާއިމްކުރުމަކީ ޚަރަދު ބޮޑު ކަމެއްކަން ފާހަގަކުރައްވައި، އެހެންނަމަވެސް ރާއްޖޭގެ ބައެއް ރިސޯޓްތަކުން “ގްރީން ޓެކްނޮލޮޖީ” ބޭނުންކުރައްވާކަމަށް މަޖިލީހުގެ ނާއިބު ރައީސް ވިދާޅުވިއެވެ.

19 ރަބީޢުލްއައްވަލް 1432

22 ފެބްރުއަރީ