ނޫސް ބަޔާން

ރައްޔިތުންގެ މަޖިލީހުގެ ޗެމްބަރ އޮޓޮމޭޓް ކުރުމަށް ބޭނުންވާ ތަކެތިގަތުމަށާއި، އެތަކެއްޗަށް ބޭނުންވާ ނެޓްވޯކް އަދި ޕަވާރ ކޭބަލް އެޅުމުގެ މަސައްކަތް ޙަވާލުކުރުމުގައި ވަކިބަޔަކަށް މަންފާލިބޭގޮތަށް ކުރިއަށް ގެންގޮސްފައިވާކަމަށް ތުޙުމަތުކޮށް މީޑިޔާގެ ބައެއް ފަރާތްތަކުން ފަތުރަމުން ގެންދަވާ ވާހަކަތަކަކީ  ހަޤީޤަތާއި ޚިލާފް ވާހަކަ ތަކެއް ކަމުގައި ދަންނަވަމެވެ.

ރައްޔިތުންގެ މަޖިލީހުގައި ހިންގުނު ޗެމްބަރ އޮޓޯމޭޝަން ޕްރޮޖެކްޓަކީ 2009 ވަނަ އަހަރުގެ މެދުތެރޭގައި ފެށުނު ޕްރޮޖެކްޓެކެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް އަބްދުﷲ ޝާހިދުގެ އެންގެވުމުގެ މަތީން މި ޕްރޮޖެކްޓްގެ މަސައްކަތް ހިނގާނުހިނގާ ގޮތް ބެއްލެވުމުގެ މަސައްކަތް މަޖިލީހުގެ ނާއިބު ރައީސް އަލްފާޟިލް އަޙްމަދު ނާޒިމް އާއި ޙަވާލު ކުރައްވާފައި ވީނަމަވެސް، މިޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށް ގެންދަވާފައިވަނީ މިޕްރޮޖެކްޓަށް ކޮންސަލްޓަންޓެއް ހަމަޖައްސައި، އެފަރާތުގެ ލަފާ އާއި އިރުޝާދުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ (އައި.ސީ.ޓީ) ޑިޕާރޓްމަންޓްގެ ބެއްލެވުމުގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އިދާރީ މުވައްޒަފުން ނެވެ.

މިޕްރޮޖެކްޓްގެ ކޮންސަލްޓެންޓެއް ހަމަޖައްސާފައިވަނީ އަންދާސީ ހިސާބު ހުށަހެޅުއްވުމަށް އިޢުލާނުކުރެވިގެން، ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން އެންމެ އެކަށީގެންވާ ފަރާތްކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ބިޑް އިވެލުއޭޝަން ކޮމިޓީގެ މެންބަރުން ނިންމެވުމުންނެވެ. އަދި އެކި ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށް ގެންދެވުނު ޗެމްބަރ އޮޓޮމޭޝަން ޕްރޮޖެކްޓްގެ މަސައްކަތް ކުރެވިފައިވަނީ ކޮންސެލްޓެންސީ ރިޕޯޓުގައި ވާގޮތަށް މަސައްކަތް ފަރުމާ ކުރެވިގެންނެވެ.

ޗެމްބަރ އޮޓޮމޭޝަން ޕްރޮޖެކްޓް ރޯޒްވެޔާރ ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް އާ ހަވާލުކުރެވިފައިވަނީ އަންދާސީ ހިސާބު ހުށަހެޅުއްވި ފަރާތްތަކުގެ ތެރެއިން އެންމެ އެކަށީގެންވާ މުއްދަތު، އަގު، ބްރޭންޑް، ޓެކްނިކަލް ސަޕޯޓް އަދި ވޮރެންޓީ ހުށަހެޅުއްވި ފަރާތްކަމުގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ބިޑް އިވެލުއޭޝަން ކޮމިޓީގެ ނިންމެވުމާއި ގުޅިގެންނެވެ. އަދި މި މަޝްރޫޢު ގެ ދަށުން އަލަށް ޤާއިމް ކުރެވޭ ވިއުގަ އަށް ސަޕޯޓްކުރުމުގެ ގޮތުން މަޖިލީހުގެ އިދާރާގެ އައި.ސީ.ޓީ ހަރުދަނާކުރުމުގެ މަސައްކަތްތަކެއް މި ޕްރޮޖެކްޓާއި އެކު ކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ބީލަން އުޞޫލުން ކުރާ ހުރިހާ މަސައްކަތް ކުރުވުމާއި، ތަކެތި ހޯދުމުގެ އެންމެހާ ކަންތައްތައް ކުރަމުން ގެންދަނީ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު އާއި އެ ޤާނޫނު ގެ ދަށުން ހެދިފައިވާ ޤަވާއިދު ތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކަމުގައި ދަންނަވަމެވެ. އަދި މަޖިލީހުގެ އިދާރާގައި ޤާއިމް ކޮށްފައިވާ ބިޑް އިވެލުއޭޝަން ކޮމިޓީ އަކީ އެކޮމިޓީގެ އެއްވެސް މަރުޙަލާ އެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ނާއިބު ރައީސް އަދި އެއްވެސް އިއްޒަތްތެރި މެންބަރެއްގެ އެއްވެސް ދައުރެއް އޮންނަ ކޮމިޓީ އެއް ނޫން ކަމުގައި ދަންނަވަމެވެ.

މިހެންވެ، ޗެމްބަރ އޮޓޮމޭޓް ޕްރޮޖެކްޓް އާ ގުޅޭގޮތުން މީޑިޔާގެ ބައެއް ފަރާތްތަކުން ޚަބަރު ގެންނަވާއިރު، ރައްޔިތުންނަށް ހަޤީޤަތް އޮޅުން ނާރާގޮތަށް، ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުންގެ އިމްތިޔާޒްތަކަށް އުނިކަން ނުލިބޭފަދަ ގޮތަކަށް ޒިންމާދާރުކަމާއިއެކު ޚަބަރު ގެނެސްދެއްވުމަށް ނަޞޭހަތްތެރިވަމެވެ. އަދި މި ޕްރޮޖެކްޓާއި ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކުން ސާފުކުރައްވަން ބޭނުންވެލައްވާ މައުލޫމާތެއް އޮތްނަމަ، އެމައުލޫމާތެއް ސާފުކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މަރުޙަބާ ކިޔުއްވާކަމުގައިވެސް މިފުރުޞަތުގައި ދަންނަވަމެވެ.

14 ރަބިއުލްއައްވަލް 1432

17 ފެބްރުއަރީ 2011

14 ރަބިއުލްއައްވަލް 1432

17 ފެބްރުއަރީ