ސީ.ޕީ.އޭ. ގެ 3 ވަނަ ރީޖަނަލް ކޮންފަރެންސް 2011 ސްރީލަންކާގެ ބޮޑުވަޒީރު އިފްތިތާޙް ކޮށްދެއްވައިފި

ކޮމަންވެލްތު ޤައުމުތަކުގެ ޤާނޫނުހަދާ މަޖިލިސްތަކުގެ ޖަމްޢިއްޔާ ނުވަތަ ކޮމަންވެލްތު ޕާލަމެންޓްރީ އެސޯސިއޭޝަން (ސީ.ޕީ.އޭ.) ގެ 3 ވަނަ ރީޖަނަލް ކޮންފަރެންސް 2011، ސްރީލަންކާގެ ވެރިރަށް ކޮލަންބޯގައި އެ ޤައުމުގެ ބޮޑުވަޒީރު އޮނަރަބަލް ޑީ.އެމް ޖަޔަރަތްނެ އިއްޔެ (12 ފެބްރުއަރީ 2011) އިފްތިތާޙް ކޮށްދެއްވައިފި އެވެ.

ކޮލަންބޯ ހިލްޓަން ހޮޓެލްގެ މޫން ސްޓޯން ހޯލްގައި ބޭއްވުނު މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް އަބްދުﷲ ޝާހިދު އާއި އޭޝިއާ ރީޖަންގައި ހިމެނޭ ސްރީލަންކާ، ބަންގްޅަދޭޝް އަދި ޕާކިސްތާނުގެ ޤާނޫނު ހަދާ މަޖިލީސް ތަކުގެ ސްޕީކަރުން ބައިވެރިވެވަޑައިގަތެވެ. މިރަސްމިއްޔާތުގައި ގެސްޓް އޮފް އޮނަރ ގެ ގޮތުން އިންޑިއާގެ ލޮކްސަބާ ގެ ސްޕީކަރ ސްރިމަތީ މެއިރަރ ކުމާރު ބަިއވެރިވެވަޑައިގަތެވެ. ރައްޔިތުންގެ މަޖިލީހުގެ މައިނޮރިޓީ ލީޑަރ އަދި އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ރައީސް ހުޅުހެންވޭރު ދާއިރާގެ މެންބަރު އަލްފާޟިލް މޫސާ މަނިކު އާއި މަތިވެރި ދާއިރާގެ މެންބަރު އަލްފާޟިލް ޙުސައިން މުޙައްމަދު ބައިވެރިވެވަޑައިގެންނެވި މި ރަސްމިއްޔާތުގައި ސްރީލަންކާގެ ޕާލިމެންޓްގެ ގިނަ އަދަދެއްގެ މެންބަރުންވެސް ބައިވެރިވެވަޑައިގަތެވެ.

ހުޅުވުމުގެ ރަސްމިއްޔާތަށްފަހު މެންދުރުފަހު އޮތް ފުރަތަމަ ޕެލެނަރަރީ ސެޝަންގެ ރިޔާސަތު ބެލެހެއްޓެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް އަބްދުﷲ ޝާހިދު އެވެ. މި ސެޝަންގެ މައުޟޫއަކީ “ކްލައިމެޓް ޗޭންޖް އެންޑް ނެޗުރަލް ޑިޒާންސްޓާރ” އެވެ. ހުޅުވުމުގެ ރަސްމިއްޔާތުގެ ކުރިން ހެނދުނު 9.30 ގައި އޭޝިއާ ރީޖަންގެ އެނެޒެކިއުޓިވް ކޮމިޓީގެ ބައްދަލުވުމެއް އޮތެވެ. މި ބައްދަލުވުމުގައި އޭޝިއާ ރީޖަންގެ ސީ.ޕީ.އޭ. ހަރަކާތްތައް ކުރިއަށް ގެންދާނެގޮތްތަކާ ބެހޭގޮތުން އެގްޒެކިއުޓިވް ކޮމިޓީ މެންބަރުން މަޝްވަރާ ކުރެއްވެވި އެވެ. އިއްޔެ ހަވީރު ރައްޔިތުންގެ މަޖިލީހުގެ ރައީސް ޕާކިސްތާނުގެ ނެޝިނަލް އެސެމްބްލީގެ ސްޕީކަރ އޮނަރަބަލް ޑރ ފަހްމެދާ މިރްޒާ އާއި ޕާކިސްތާނުގެ ސެނެޓްގެ ޑެޕިއުޓީ ޗެއަރމަން އޮނަރަބަލް މީރް ޖާން މުޙައްމަދު ޙާން ޖަމާލީ އާ ބައްދަލުކުރެއްވި އެވެ. އަދި ސްރީލަންކާގެ ޕާލިމެންޓްގެ ރައީސް އޮނަރަބަލް ޗަމާލް ރާޖްޕަކްސަ ދެއްވި ރޭގަނޑުގެ ފަރީކޮޅެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި މަޖިލީހުގެ ވަފްދުގެ ބޭފުޅުން ރޭ ބައިވެރިވެވަޑައިގަތެވެ.

10 ރަބީޢުލްއައްވަލް 1432

13 ފެބްރުއަރީ 2011