ރައްޔިތުންގެ މަޖިލީހުގެ ރައީސް މަޖިލީހުގެ އިދާރާގެ މުވައްޒަފުންނާ ބައްދަލުކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް އަބްދުﷲ ޝާހިދު މަޖިލީހުގެ އިދާރާގެ މުވައްޒަފުންނާ މިއަދު ބައްދަލު ކުރައްވައިފި އެވެ.

އެކިއެކި ޑިޕާރޓްމަންޓްތަކާއި ސެކްޝަންތަކުގައި މަސައްކަތް ކުރައްވާ މުވައްޒަފުންނާއި އެމަނިކުފާނު ބައްދަލުކުރެއްވީ ޑިޕާރޓްމަންޓްތަކާއި ސެކްޝަންތައް ވަކިވަކިންނެވެ.

މިބައްދަލުކުރެއްވުމުގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ވޭތުވެދިޔަ އަހަރަކީ މަޖިލީހުގައި ގިނަގުނަ މަސައްކަތްތަކެއް ކުރެވިގެންދިޔަ ރެކޯޑް އަހަރެއްކަމުގައި ވިދާޅުވި އެވެ. އެގޮތުން މަޖިލީހުގެ ޙަޔާތުގައިވެސް މިވީހާތަނަށް ނިންމިފައިނުވާފަދަ ގިނައަދަދެއްގެ ބިލު މަޖިލީހުން ފާސްކުރައްވައި، މަައްސަލަތައް ބަލައިގެންފައިވާކަމުގައި ވިދާޅުވި އެވެ. އަދި މަޖިލީހުން މިކަން ފުރިހަމަވެގެން ގޮސްފައިވަނީ މަޖިލީހުގެ އިދާރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ހީވާގި ބުރަ މަސައްކަތުންކަން ފާހަގަކުރައްވައި އެކަމަށްޓަކައި މުވައްޒަފުންނަށް ޝުކުރުއަދާ ކުރެއްވި އެވެ. މަޖިލީހުގެ މަސައްކަތަކީ ވަރަށް ބުރަ މަސައްކަތެއް ކަމަށްވުމާއެކު މުވައްޒަފުން ގިނަ ވަގުތުތަކެއް ހޭދަކުރައްވައި މަޖިލީހުގެ މަސައްކަތްތައް ކާމިޔާބުކަމާއެކު ނިންމަމުންގެންދިޔުމަށްޓަކައި ވެދެއްވި އެހީތެރިކަމާއި އެއްބާރުލެއްވުމަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވި އެވެ.

މަޖިލީހުގެ އިދާރާގެ މަސައްކަތްތަކުގައި ދިމާވާ ދަތިތަކަކީ ކޮބައިތޯ ބައްލަވައި އެކަންކަން ޙައްލުކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވާނެ ކަމުގައިވެސް ވިދާޅުވި އެވެ. އެގޮތުން މިހާރު މަޖިލީހުގެ އިދާރާއަށް ދިމާވެފައިވާ އެއްމައްސަލަކަމުގައިވާ ޖާގައިގެ މައްސަލައަށް މިއަހަރުގެ ތެރޭގައި ޙައްލެއް ލިބިގެންދާނެކަމަށް އުއްމީދުކުރައްވާކަމުގައި ވިދާޅުވި އެވެ. މަޖިލީހުގެ ގޭގެ ގޯތިތެރޭގައި މިހާރު ބިންގާއެޅިފައިވާ ބިމުގައި ކުރުމަށްހަމަޖެހިފައިވާ ޢިމާރާތުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށި އެކަމުގެ ސަބަބުން ޖާގައިގެ ދަތިކަމަށް އެކަށީގެންވާ ޙައްލެއް އަންނާނެކަމުގައި ވިދާޅުވި އެވެ.

މަޖިލީހުގެ އިދާރާގެ މުވައްޒަފުންނާ ބައްދަލުކޮށްލެއްވުމަށް ބޭއްވެވި މިބައްދަލުވުމުގައި މުވައްޒަފުންނަށް ދަތިވެފައިވާ އެހެނިހެން ކަންކަމާ ބެހޭގޮތުންވެސް މަޖިލީހުގެ ރައީސް މަޝްވަރާ ކުރައްވައި އެކަންކަން ޙައްލުކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމުގައި ވިދާޅުވި އެވެ. އަދި މަޖިލީހުގެ މަސައްކަތް އިތުރަށް ހަރުދަނާ ކުރެވިދާނެ ގޮތްތަކަކީ ކޮބައިތޯ ބައްލަވައި އެކަންކަމާމެދު ޢަމަލީ މަސައްކަތްތަކެއް ފައްޓަވަން ގަސްދުކުރައްވާކަމުގައި ވިދާޅުވި އެވެ. އެގޮތުން މަޖިލީހުގެ އޮނިގަނޑު ހަރުދަނާކޮށް ތަރައްޤީކުރުމުގެ މަސައްކަތާއި، މަޖިލީހުގެ ނިޒާމް ކޮމްޕިއުޓަރައިޒް ކުރުމަށް ކުރަންޖެހޭ މަސައްކަތްތައްވެސް މިއަހަރުގެ ތެރޭގައި ކުރެއްވުމަށް ގަސްދުކުރައްވާ ކަމުގައި ވިދާޅުވި އެވެ.

15 ޞަފަރު 1432

19 ޖެނުއަރީ 2011