ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މާލެ ވަޑައިގެންފި

ޗައިނާގެ ނޭޝަނަލް ޕީޕަލްސް ކޮންގްރެސްގެ ޗެއަރމަން އޮފް ދަ ސްޓޭންޑިންގް ކޮމިޓީ ހިޒްއެކްސެލެންސީ މރ. ވޫ ބަންގޫ ގެ ދަޢުވަތަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރޭ މާލެ ވަޑައިގެންފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހުގައި މިދަތުރުފުޅުގައި މަޖިލީހުގައި ހިމެނޭ ތަފާތު ޕާޓީތައް ތަމްސީލުވާގޮތަށް 7 މެންބަރުން ބައިވެރިވެ ވަޑައިގަތެވެ. އެގޮތުން ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ މައުޞޫމް އާއި ފެލިދޫ ދާއިރާގެ މެންބަރު ޔޫސުފް ނައީމް އާއި ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު އާއި ކޮމަންޑޫ ދާއިރާގެ މެންބަރު ޙުސައިން ވަޙީދު އާއި މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް މަޖިލީހުގެ ރައީސްގެ އަރިހުގައި މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަތެވެ.

މަޖިލީހުގެ ރައީސްގެ މިދަތުރުފުޅުގައި ޗައިނާގެ ނޭޝަނަލް ޕީޕަލްސް ކޮންގްރެސްގެ ޗެއަރމަން އޮފް ދަ ސްޓޭންޑިންގް ކޮމިޓީ ހިޒްއެކްސެލެންސީ މރ. ވޫ ބަންގޫ އާއި ވައިސް ޗެއަރމަން އޮފް ދަ ސްޓޭންޑިންގް ކޮމިޓީ ހިޒްއެކްސެލެންސީ ރ. ހުއާޖިއާންމިން އާ ބައްދަލުކުރެއްވި އެވެ.

ވަކިވަކިން ބޭއްވެވި މި ދެ ބައްދަލުކުރެއްވުމުގައި މަޖިލީހުގެ މަސައްކަތްތަކާބެހޭ މައުލޫމާތު އެދެބޭފުޅުންނަށް މަޖިލީހުގެ ރައީސް އެރުވި އެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުމާ އަދި އިތުރަށް ގުޅުން ބަދަހިކުރެވޭނެ ރޮނގުތަކާބެހޭ ގޮތުން މަޝްވަރާ ކުރެއްވި އެވެ. ރާއްޖެއަކީ ފަތުރުވެރި ކަމުގެ މަންޒިލަކަށް ވާތީ ޗައިނާގެ ރައްޔިތުންނަކީ ދިވެހިރާއްޖެ ދެކެ ވަރަށް ލޯބިވާ އަދި ރާއްޖެއަށް ޒިޔާރަތްކުރަން ބޭނުންވާ ބައެއްކަމުގައި އެދެބޭފުޅުންގެ ވާހަކަފުޅުގައި އިޝާރާތްކުރެއްވި އެވެ.

މީގެ އިތުރުން ޚާރިޖީކަންކަމުގައި ރާއްޖެއިން ގެންގުޅޭ ހަރުދަނާ ސިޔާސަތުގެ މައްޗަށް ބައްލަވާލައްވައި އެކަމަށްޓަކައި ޝުކުރު އަދާ ކުރެއްވި އެވެ. އަދި ދިވެހިރާއްޖޭގެ އެންބަސީއެއް ޗައިނާގައި ހުޅުވިގެންދިއުމަކީ ދެގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެގެންދިޔަ ކަމެއް ކަމުގައި އިޝާރާތް ކުރައްވައި އޭރުގެ ފޮރިން މިނިސްޓަރުގެ ޙައިސިއްޔަތުން އެމްބަސީ ހުޅުއްވައި ދެއްވުމުގެ ޝަރަފު މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަށް ލިބިގެންދިޔަކަމީވެސް ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ވުމަށް ލިބިގެންދިޔަ ފުރުސަތެއްކަމުގައި މރ. ވޫ ބަންގޫ ވިދާޅުވި އެވެ. އަދި ޗައިނާ ގައި ހުރި ވިޔަފާރީގެ ފުރުސަތުތައް ދިވެހިންނަށް ފަހިވެފައިވާކަމަށާއި އެފުރުސަތުތައް ވަނީ ދިވެހިންނަށް ހުޅުވިފައިކަމުގައި ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ވާހަކަފުޅުގައި ޗައިނާއިން ދިވެހިރާއްޖެއަށް ދެއްވާފައިވާ އެހީތަކަށް ޝުކުރު އަދާކުރެއްވި އެވެ. އަދި ދިވެހިން ޗައިނާއަށް ޒިޔާރަތް ކުރުމުގައި ފަސޭހަ ގޮތްތަކެއް ހަމަޖެހިގެންދިއުމަކީ ދިވެހިންނަށް އޭގެ ސަބަބުން ވަރަށް ބޮޑެތި ފައިދާތަކެއް ވިޔަފާރީގެ ގޮތުން ނާއި ފަތުރުވެރިކަމުގެ ގޮތުންވެސް ކުރާނެކަމެއް ކަމުގައި ވިދާޅުވި އެވެ. އަދި މިހާރުވެސް ގިނަޢަދަދެއްގެ ދިވެހި ކިޔަވާކުދިން ޗައިނާގައި އެބަތިބިކަމާއި އިތުރު ފުރުސަތުތައް ދިވެހި ދަރިވަރުންނަށް ލިބިގެންދިއުމަކީ އެމަނިކުފާނު އެދިވަޑައިގަންނަވާކަމެއް ކަމުގައިވެސް ވިދާޅުވި އެވެ. އަދި އެމަނިކުފާނުގެ ވާހަކަފުޅުގައި އެދެބޭފުޅުންނަށް ފަސޭހަފުޅު ވަގުތެއްގައި ރާއްޖެއަށް ޒިޔާރަތްކުރެއްވުމަށް ދަޢުވަތު ދެއްވި އެވެ.

މަޖިލީހުގެ ރައީސްއާއި އެމަނިކުފާނުގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުން ޗައިނާގެ ބައެއް އެެހެން ރަށްތަކަށް މިދަތުރުފުޅުގައި ޒިޔާރަތް ކުރެއްވި އެވެ. އަދި ޒިޔާރަތްތަކުގައި އެރަށްތަކުގެ ރީޖަނަލް ޕީޕަލްސް ކޮންގްރެސްގެ އިސްބޭފުޅުންނާއި ބައްދަލުކުރައްވައި މަޝްވަރާކުރެއްވި އެވެ.

14 ޞަފަރު 1432

18 ޖެނުއަރީ 2011