ކީރިތި ވަންތަ ﷲގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަމެވެ. ރޭތަކާއި ދުވަސްތައް، މައްސަރުތަކާއި އަހަރުތައް ދައުރުވަމުން ދާ ގޮތް ތަދްބީރު ކުރައްވައި ތަޤްދީރު ކުރެއްވެވީ އެކަލާނގެއެވެ. މިއުއްމަތުގެ މާތް ނަބިއްޔާ محمد صلى الله عليه وسلمއަށް ސަލަވާތާއި ސަލާމުން ވެދުން ކުރަމެވެ. އަދި މި ޞަލާވާތާއި ސަލާމުގައި އިތުރު އެކަލޭގެފާނުންގެ އިތުރު އާލުންނާއި މިތުރު ސަޙާބީން ޝާމިލު ކުރަމެވެ.
މިއަދަކީ މީލާދީ ސަނަތުން އަހަރެއް ފާއިތުވެ އާ އަހަރެއް ފެށޭދުވަހެވެ. އެހެންކަމުން އާ އަހަރުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންގެ ނަންފުޅުގަޔާއި އަޅުގަނޑުގެ އަމިއްލަ ނަމުގައި ދިވެހިރާއްޖޭގެ ލޮބުވެތި އެންމެހައި އަޚުންނާއި އުޚުތުންނަށް ފޮނުވަމެވެ.
ނިމިގެންދިޔަ އަހަރު ވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ތާރީޚް ގައި އެންމެ ގިނަ އަދަދެއްގެ ބިލު ހުށަހަޅުއްވައި، އެންމެ ގިނަ އަދަދެއްގެ ބިލު ފާސްކުރެވުނު އަހަރު ކަމުގަ އެވެ. 2010 ވަނަ އަހަރު ޖުމްލަ 95 ޖަލްސާއެއް ބޭއްވި ޖުމްލަ 52 ބިލު މަޖިލީހަށްހުށަހެޅުނެވެ. އެބިލުތަކުގެ ތެރެއިން 42 ބިލުވަނީ މަޖިލީހުން ފާސްކުރައްވާފައެވެ. މިހެންވެ، ފާއިތުވެގެންދިޔަ އަހަރަކީ ރައްޔިތުންގެ މަޖިލީހުގެ ޙަޔާތުގައި ފާހަގަކުރެވިގެންދިޔަ ތާރީޚީ އަހަރެކެވެ.
މިފުރުޞަތުގައި ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ކާމިޔާބު ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެމްބަރުންނާއި ސިޔާސީ ޕާޓީތަކުގެ އިސްބޭފުޅުން މަޖިލީހުގެ ރިޔާސަތަށް ދެއްވަމުން ގެންދެވި އެއްބާރުލެއްވުމަށް ހިތުގެ އެންމެ އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ. އަދި މިއަހަރުވެސް މިފަދަ ޢަޒުމަކާއި ހިތްވަރެއް ދައްކުވައިދެއްވާނެކަމަށް އަޅުގަނޑު އުއްމީދުކުރަމެވެ.
އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ މިފެށޭ އާ އަހަރަކީ ދިވެހިރާއްޖެއަށް އިތުރު ފާގަތިކަމާއި ހެޔޮނަސީބާާއި ދަރުމަ މިންވަރުކުރައްވައި ރާއްޖޭގެ އެންމެހައި ރައްޔިތުންނަށް އުފާފާގަތިކަމާއި ތަނަވަސްކަން މިންވަރުކުރައްވާނެ އަހަރެއް ކަމުގައި ލެއްވުމެވެ.
والحمد لله رب العالمين
ޢަބްދުﷲ ޝާހިދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް
26 މުޙައްރަމް 1432
1 ޖެނުއަރީ 2011