މަޖިލީހުގެ މިދައުރުގެ މަސައްކަތްތައް ނިންމަވާލައްވައިފި (30.12.2010)

ރައްޔިތުންގެ މަޖިލީހުގެ 2010 ވަނަ އަހަރުގެ 3 ވަނަ ދައުރުގެ 31 ވަނަ ޖަލްސާ މިއަދު ނިންމަވާލައްވައިފި އެވެ. މިއަދުގެ ޖަލްސާގައިވަނީ ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ބިލު، މުޅި މަޖިލީހުގެ ކޮމިޓީން ދިރާސާކުރައްވައި ފުރިހަމަކުރެއްވި ގޮތުގެ ރިޕޯޓް މަޖިލީހަށް ހުށަހެޅުއްވި ގޮތަށް ފާސްކުރައްވާފައެވެ. ޖުމްލަ 68 މެންބަރުން ހާޒިރުވެ ވަޑައިގެންނެވި މިއަދުގެ ޖަލްސާގައި މިބިލަށް ޖުމްލަ 58 މެންބަރަކު ފެންނަކަމަށް ވޯޓު ދެއްވާފައިވާއިރު، 1 މެންބަރަކު ނުފެންނަކަމަށް އަދި 2 މެންބަރަކު ވަކިގޮތަކަށް ވޯޓުދެއްވަން ބޭނުންފުޅުނުވާކަމަށް ވޯޓު ދެއްވާފައިވެއެވެ.

މަޖިލީހުގެ މިދައުރުގެ މަސައްކަތްތައް މިއަދު ނިންމަވާލެއްވިއިރު، މަޖިލީހުން މިއަހަރުގެ ތެރޭގައި ކުރައްވާފައިވާ މަސައްކަތްތަކަށް ބަލައިލާއިރު، މި 2010 ވަނަ އަހަރު ޖުމުލަ 52 ބިލު މަޖިލީހަށްހުށަހެޅުނެވެ. އެބިލުތަކުގެ ތެރެއިން 42 ބިލުވަނީ މަޖިލީހުން ފާސްކުރައްވާފައެވެ. ޖުމުލަ 50 މައްސަލަ މަޖިލީހަށް ހުށަހެޅި އޭގެތެރެއިން 42 މައްސަލަވަނީ ފާސްކުރައްވާފައެވެ. 5 ޤަރާރު މަޖިލީހަށް ހުށަހެޅި އޭގެތެރެއިން 3 ޤަރާރުވަނީ ފާސްކުރައްވާފައެވެ. 5 ޕެޓިޝަން މަޖިލީހަށް ހުށަހެޅުނުއިރު އޭގެތެރެއިން 1 ޕެޓިޝަންވަނީ ފާސްކުރައްވާފައެވެ. ކުއްލި 1 މައްސަލަ މަޖިލީހަށް ހުށަހެޅި އެ މައްސަލަވަނީ މަޖިލީހުން ނިންމަވާފައެވެ. އަދި މިއަހަރު އިމްތިޔާޒުގެ 1 މައްސަލަ މަޖިލީހަށް ހުށަހެޅިފައިވެވެ. ޖުމުލަ 95 ދުވަސް މަޖިލީހުގެ ޖަލްސާތަކަށް މެންބަރުން ހޭދަކުރައްވާފައިވާއިރު، މެންބަރުން ޖަލްސާތަކުގައި ހޭދަކުރައްވާފައިވާ ޖުމްލަ ވަގުތަކީ 300 ގަޑިއިރާއި 02 މިނެޓުކަމުގައި ފާހަގަކޮށްލެވެއެވެ.

މިއަދުގެ ޖަލްސާގައި ބައެއް މެންބަރުންވަނީ ނިޒާމީ މައްސަލަތަކެއްނަންގަވާފައެވެ. ސަބަބަކީ މިއަދު ޖަލްސާއަށް އެމެންބަރުން މަޖިލީސްކުރާގެއަށް ވަޑައިގެންނެވިއިރު މަޖިލިސްކުރާގޭ ދޮށުގައި މުޒާހަރާކުރަމުން ދިޔަ ބައެއްގެ ފަރާތުން ކުރިމަތިވި ބައެއްކަންތައްތައް، މަޖިލީހުގެ ރައީސްގެ ސަމާލުކަމަށް ގެނައުމުގެ ގޮތުންނެވެ. މިއަދުގެ މެންދުރު 12:12ގައި ރިޔާސަތުން މަޖިލީހުގެ ޖަލްސާ ނިމަވާލެއްވިއިރުވެސް ބައެއް މެންބަރުންދިޔައީ ތަކުރާރުކޮށް މިމައްސަލައާއި ގުޅޭގޮތުން ނިޒާމީ މައްސަލަތައް ނަންގަވަމުންނެވެ.