ނޫސް ބަޔާން (27.12.2010)

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ޓީވީތަކުން ދައްކާއިރު ހުއްދަދެވިފައިވާ މިންގަނޑުތަކާ ޚިލާފަށް މެންބަރުންގެ އިމްތިޔާޒަށާއި އަބުރާއި ޢިއްޒަތަށް ހުތުރުވާގޮތަށް އެޑިޓްކޮށްގެން މަޖިލީހުގެ ޖަލްސާތަކުގެ ރިކޯޑިންގ ދައްކަމުންދާކަމަށް ބުނެ، މިމައްސަލަ ބައްލަވައިދެއްވުން އެދި ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރަކު ރައްޔިތުންގެ މަޖިލީހުގެ ޢާންމު ކޮމިޓީއަށް ހުށަހަޅުއްވާފައިވާ މައްސަލައަކާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ޢާންމު ކޮމިޓީއަށް ދިޓީވީއާއި ވީޓީވީގެ ބޭފުޅުން ހާޒިރުކުރި ކުރުމަކީ މީޑިއާ ފަހަތަށް ޖައްސައި ބިރުދެއްކުމުގެ ގޮތުން ކުރި ކަމެއް ކަމުގައި ބުނެ 20 ޑިސެމްބަރު 2010 ގައި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން ނޫސްބަޔާނެއް ނެރެފައިވާތީ މިކޮމިޓީން އެކަމާ ކަންބޮޑުވުން ފާޅުކޮށް އެކަން ކުށްވެރިކުރަމެވެ.
ރާއްޖޭގެ މީޑިއާގެ މިނިވަންކަމަށް އެއްވެސް ގޮތެއްގައި އަދި އެއްވެސް ރޮނގަކުން ހުރަސް އެޅުމަކީ އަދި މީޑިއާ ފަހަތަށް ޖެއްސުމަށް އެއްވެސް އަމަލެއް ހިންގުމަށް ތުހުމަތު ކުރުމަކީ މިކޮމިޓީއާއި ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުން އެއްވެސް ޙާލެއްގައި ޤަބޫލުކުރާ ކަންކަމެއްނޫނެވެ.
މިކޮމިޓީގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށްޓަކައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދަށުން އެކުލަވައިލެވި ޢަމަލުކުރަމުންދާ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 94 ވަނަ މާއްދާގެ ދަށުން މި ކޮމިޓީއާ ޙަވާލުކޮށްފައިވާ މަސްއޫލިއްޔަތުތައް އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަކީ މި ކޮމިޓީގެ މެންބަރުންގެ ޒިންމާއެއް ކަމަށް އަޅުގަނޑުމެން ދެކެމެވެ. މި ކޮމިޓIން ދެކޭގޮތުގައި މި ކޮމިޓީގެ މަސްއޫލިއްޔަތަށް ހުރަސް އެޅުމަށް މިފަދަ ނޫސްބަޔާންތައް ނެރުމަކީ ޤާނޫނުއަސާސީގެ މަފްހޫމްތަކާއި ޚިލާފަށް ކޮށްފައިވާ ވަރަށް ޒިންމާދާރުކަން ކުޑަ ޢަމަލެއްކަމަށް ދެކެމެވެ.
ޤާނޫނުއަސާސީގެ 90 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކާއި މަޖިލީހުގެ ކޮމިޓީތަކުގެ ބައްދަލުވުންތަކާބެހޭ ވާހަކަތައް ތެދުބަހުން ކަންހިނގި ގޮތުގެ ހަޤީޤަތް ނުގެއްލޭގޮތަށް ޝާއިޢުކުރާ ނުވަތަ ހާމަކުރާ މީހަކާ ދެކޮޅަށް ނުވަތަ އެފަދަ ވާހަކައެއް ދެއްކި މީހަކާ މެދު އަދި އެފަދަ ވާހަކައެއް ޝާއިޢުކުރި ނޫސް މަޖައްލާއަކާމެދު އެއްވެސް ދަޢުވާއެއްކޮށް އަދި އެއްވެސް ފިޔަވަޅެއް އަޅައިގެން ނުވާނެކަމުގައި ބަޔާންވެގެން ވީހިނދު،
މިފަދަ އިމްތިޔާޒުތަކެއް ޤާނޫނުއަސާސީން ލިބިދީފައިވާ ބަޔަކާ މެދު، ތުހުމަތުކުރެވޭ މައްސަލައެއް މިކޮމިޓީއަށް ހުށަހެޅުމުން އެ މައްސަލާއިގެ ޙަޤީގަތް ހޯދުމަށްޓަކައި ދިޓީވީއާއި ވީޓީވީގެ ބޭފުޅުން ކޮމިޓީއަށް ހާޒިރުކުރި ކުރުމަކީ އެއްވެސް މާނައެއްގައި މިޑިއާ ފަހަތަށް ޖައްސައި މިޑީއާގެ މިނިވަންކަމަށް ފިއްތުންތަކެއް ކުރިމަތި ކުރުވީކަމުގައި ބުނުމަކީ އެއްވެސް ގޮތަކަށް ޤަބޫލު ކުރެވޭނެ އަދި ބަލައިގަނެވޭނޭ ކަމެއް ނޫނެވެ. އަދި އެއީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 22 ވަނަ މާއްދާގެ (ހ) އާއި (ށ) ގެ ދަށުންނާއި އަދި އެ ގަވާއިދުގެ 94 ވަނަ މާއްދާގެ (ބ) ގެ ދަށުން މި ކޮމިޓީގެ ޒިންމާއާއި މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ރައްޔިތުންގެ މަޖިލީހަށާއި އެ މަޖިލީހުގެ ކޮމިޓީތަކަށް ހުށަހެޅޭ މިފަދަ މައްސަލަތަކުގެ ޙަޤީގަތް ހޯދުމަށް އެ މަޖިލީހުން ނުވަތަ އެ މަޖިލީހުގެ ކޮމިޓީއަކުން ކުރާ މަސައްކަތައް ހުރަސް ނޭޅުމަށް ހުރިހާ ފަރާތަކަށްވެސް ގޮވާލަމެވެ. އަދި އަޅުގަނޑުމެން އެދެނީ މިފަދަ މައްސަލަތަކުގެ ހަޤީގަތް ދެނެގަތުމަށް ރައްޔިތުންގެ މަޖިލީހަށާއި އެމަޖިލީހުގެ ކޮމިޓީތަކަށް މީޑިއާގެ އެއްބާރުލުން ފުރިހަމައަށް ދެއްވުމެވެ.
ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ބުނާ ދައުލަތުގެ އެއްބާރު ކަމުގައިވާ ރައްޔިތުންގެ މަޖިލީހަކީ ޤާނޫނުތައް ހަދައި ދައުލަތުގެ ބަޖެޓުން އެކި ފަރާތްތަކަށް ފައިސާ ދީ، މިނިވަން މުއައްސަސާތަކަށާއި ދައުލަތުގެ މަޤާމުތަކަށް މީހުން ޢައްޔަންކޮށް، ރައްޔިތުންގެ ޙައްޤުތައް ދިފާޢުކުރުމުގައި ސަރުކާރުގެ އެކި ވުޒާރާތަކާއި އަދި މިނިވަން މުއައްސަސާތަކާއި، ޚާއްސަކޮށް މީޑިއާގެ ޝަކުވާތައް އަޑުއަހައި އެފަރާތްތައް ޖަވާބުދާރީކުރުވަން ޖެހޭ މުއައްސަސާއެއް ކަމަށް ޤާނޫނުއަސާސީ ލާޒިމްކުރާ ހިނދު، ރައްޔިތުންގެ މަޖިލީހުގެ ޤަދަރާއި ހައިބަތު ގެއްލޭގޮތަށް އެއްވެސް ފަރާތްތަކުން ޢަމަލުކޮށްގެން ނުވާނެކަން ހަނދުމަފުޅުކޮށް އަރުވަމެވެ.

27 ޑިސެމްބަރު 2010

ނާޒިމު ރަޝާދު
ރައްޔިތުންގެ މަޖިލީހުގެ ޢާންމު ކޮމިޓީގެ މުޤައްރިރު