ޤާނޫނުއަސާސީ ދުވަހުގެ މުނާސަބަތުގައި މަދަނީ ޖަމްޢިއްޔާތަކުން ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުތަކަށް ހިތްވަރުދެއްވައި މަޖިލީހުގެ ރައީސް ތާރީފް ކުރައްވައިފި (22 ޑިސެމްބަރ 2010)

މިއަދަކީ ރާއްޖޭގައި ފާހަގަކުރާ ޤާނުނުއަސާސީ ދުވަސްކަމަށްވާތީ މިދުވަހުގެ މުނާސަބަތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ނެރުއްވި ޚިތާބުގައި، މަދަނީ ޖަމްޢިއްޔާތަކުންވެސް ރާއްޖޭގައި ޑިމޮކްރެޓިކް ވެއްޓެއް ޤާއިމުކުރުމަށް މަސައްކަތްކޮށްދެއްވުމަށް ގޮވާލައްވައި މަދަނީ ޖަމްޢިއްޔާތަކުން މިކަމުގައި މިހާރުވެސް ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުތަކަށް ތަރުޙީބުދެއްވައި ތާރީފް ކުރައްވައިފިއެވެ. އެމަނިކުފާނުގެ ޚިތާބުގައި ރާއްޖޭގައި ޑިމޮކްރަސީ އިތުރަށް ހަރުދަނާ ކުރުމަށް ކުރެވެމުންދާ މަސައްކަތުގައި އެންމެބޮޑު އަމާޒަކަށް ވާންވީ ދަރިވަރުންނާއި ޒުވާނުންނަށް ޑިމޮކްރަސީގެ އުސޫލުތަކާއި ހަމަތައް އޮޅުންފިލުވައިދިނުމާއި، އަދި ދަރިވަރުންނާއި ޒުވާނުންނަކީ ޑިމޮކްރަސީގެ އުސޫލުތަކާއި ހަމަތަކަށް ތަރުޙީބުދޭ ބައެއްގެ ގޮތުގައި ތަރުބިއްޔަތު ކުރުމަށް މަސައްކަތްކުރުން ކަމަށްވެސް ފާހަގަކުރައްވާފައިވެއެވެ.

ދިވެހިރާއްޖޭގައި މިހާރު އަމަލުކުރަމުންމިދަނީ 21 ވަނަ ޤަރުނަށްފެތޭ އަދި ދުނިޔޭގެ ނިސްބަތުންބަލާއިރުވެސް ޙައްޤުތަކާއި ޒިންމާތައް އޮޅުންފިލުވާދީފައިވާ އަދި ޤައުމުގެ ތިންބާރު ވަކިކޮށްދީފައިވާ ޤާނޫނުއަސާސީއެއްކަމަށާއި، މި ޤާނޫނުއަސާސީއަށް އަމަލުކުރެވެމުންދާތާ 2 އަހަރުވީއިރު ޤައުމުގައި ޑިމޮކްރަސީ އަށަގަތުމުގެ ކުލަތައްފެންނަމުންދާކަމީ އެމަނިކުފާނު ނިހާޔަތައް އުފާކުރާކަމެކަމުގައިވެސް އެ ޚިތާބުގައި ވިދާޅުވެފައިވެއެވެ.