ޤާނޫނުއަސާސީ ދުވަހުގެ ޚިޠާބު (22 ޑިސެމްބަރ 2010)

މާތްﷲ ތަބާރަކަ ވަތަޢާލާއަށް ޙަމްދާ ޝުކުރު ކުރަމެވެ. ޙައްޤުތަކާއި ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އެއިލާހުގެ ކީރިތި ދަސްތޫރުގައި ބާވާލައްވާފައިވެއެވެ. ﷲ ގެ ކީރިތި ދުސްތޫރުގައިވާ ޙައްޤުތަކާއި ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އިންސާނުންނަށް އުގަންނަވައިދެއްވައި ފަހްމުކޮށްދެއްވުމަށްޓަކައި މާތްﷲ ފޮނުއްވި ނަބިއްޔާ މުޙަންމަދުގެފާނަށް ޞަލަވާތާއި ސަލާމުން ވެދުންކުރަމެވެ. އެމާތް ރަސޫލާގެ އާލުންނާއި އަޞްޙާބުން ޝާމިލުވާ ގޮތުގައެވެ.

މިއަދަކީ ދިވެހިރާއްޖޭގައި ފާހަގަކުރާ ގާނޫނުއަސާސީ ދުވަހެވެ. މިއަދަކީ ރާއްޖޭގައި ލިޔެފައިވާ ޤާނޫނުއަސާސީއެއް އިޢްލާންކުރި ތާރީޚީ ދުވަހެވެ. 22 ޑިސެމްބަރ 1932 ގައި އައްސުލްތާން މުޙަންމަދު ޝަމްސުއްދީން III ސިރީކުލަސުންދުރަ ކައްތިރި ބަވަނަ މަހާރަދުންގެ ރަސްކަމުގައި ދިވެހިރާއްޖޭގައި ލިޔެވިފައިވާ ޤާނޫނުއަސާސީއެއް ފުރަތަމަ ފަހަރަށް އިޢުލާންކުރުން ވެގެން ދިޔައީ މި ޖަޒީރާ ރަށްތަކުގެ އަހުލުވެރިންނަށް ލިބިގެންދިޔަ މަތިވެރި ފަޚުރަކާއި ޝަރަފެއްކަމުގައެވެ. މިސަރަޙައްދުގައި ލިޔެވިފައިވާ ޤާނޫނުއަސާސީއެއް ފުރަތަމަ ފަހަރަށް އިޢުލާންކުރި ގައުމުކަމުގައި ވުމުގެ ފަޚްރާއި ޝަރަފެވެ.

މިއަދުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ ލޮބުވެތި އެންމެހާ އަޚުންނާއި އުޚުތުންނަށް ތަހުނިޔާ އާއި މުބާރަކްބާދީ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެމްބަރުންގެ ނަންފުޅުގައާއި އަޅުގަނޑުގެ އަމިއްލަ ނަމުގައި ދަންނަވަމެވެ. ޝައްކެއްވެސް ނެތްގޮތުގައި، ދިވެހިރާއްޖޭގައި މިހާރު އަމަލުކުރަމުންމިދަނީ 21 ވަނަ ޤަރުނަށްފެތޭ އަދި ދުނިޔޭގެ ނިސްބަތުންބަލާއިރުވެސް ޙައްޤުތަކާއި ޒިންމާތައް އޮޅުންފިލުވާދީފައިވާ އަދި ޤައުމުގެ ތިންބާރު ވަކިކޮށްދީފައިވާ ޤާނޫނުއަސާސީއެކެވެ. މި ޤާނޫނުއަސާސީއަށް އަމަލުކުރެވެމުންދާތާ ދެ އަހަރުވީއިރު އަޅުގަނޑުމެންގެ ޤައުމުގައި ޑިމޮކްރަސީ އަށަގަތުމުގެ ކުލަތައްފެންނަމުންދާކަމީ އަޅުގަނޑު ނިހާޔަތައް އުފާކުރާކަމެކެވެ. ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ލިޔެވިފައިވާ ޤާނޫނުއަސާސީއެއް އިޢުލާންކުރި ތާރީޚުން ފެށިގެން މިއަދާ ހަމައަށް އަޅުގަނޑުމެންގެ ޤާނޫނުއަސާސީއަށް ތަފާތު ބަދަލުތައް ގެނެވިފައިވީ ކަމުގައިވިއަސް އެއިން ކޮންމެ ޤާނޫނުއަސާސީއަކުންވެސް ކަށަވަރުކޮށްދީފައިވަނީ ރައްޔިތުންގެ ހައްޤުތަކެވެ. ހަމަހަމަކަމާއި އިންސާފެވެ. ވެރިކަމުގެ ބާރު އުފެދިގެން އަންނަނީ ރައްޔިތުންގެ ކިބައިންކަމެވެ. ޤާނޫނުއަސާސީއަށް ގެނެވިފައިވާ ކޮންމެ އިސްލާޙަކީވެސް ކުރިއަށްއެޅިފައިވާ ފިޔަވަޅުތަކެއްކަމުގައި އަޅުގަނޑު ޤަބޫލުކުރަމެވެ.

ރާއްޖޭގައި ޑިމޮކްރަސީ އިތުރަށް ހަރުދަނާ ކުރުމަށް ކުރެވެމުންދާ މަސައްކަތުގައި އެންމެބޮޑު އަމާޒަކަށް ވާންވީ ދަރިވަރުންނާއި ޒުވާނުންނަށް ޑިމޮކްރަސީގެ އުސޫލުތަކާއި ހަމަތައް އޮޅުންފިލުވައިދިނުމެވެ. އަދި ދަރިވަރުންނާއި ޒުވާނުންނަކީ ޑިމޮކްރަސީގެ އުސޫލުތަކާއި ހަމަތަކަށް ތަރުޙީބުދޭ ބައެއްގެ ގޮތުގައި ތަރުބިއްޔަތު ކުރުމަށް މަސައްކަތްކުރުމެވެ. މިކަމަށް މަގުފަހި ކުރުމުގެ ގޮތުން 2004 ވަނަ އަހަރުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އިސްނަގައިގެން ކޮންމެ އަހަރަކު ދަރިވަރުންގެ މާދިރީތަކާއި ޒުވާނުންގެ މާދިރީތައް ބާއްވަމުން ގެންގޮސްފައިވެއެވެ. އެހެންނަމަވެސް މިއަހަރު މިކަމުގައި އަމިއްލަ ޖަމްޢިއްޔާއަކުން އިސްނަންގަވައިގެން މިމަސައްކަތުގައި ޢަމަލީގޮތުން އުޅުއްވުމަކީ ރައްޔިތުންގެ މަޖިލީހަށް ލިބުނު ވަރަށް ޚާއްސަ އުފަލެއްކަމުގައި އަޅުގަނޑު ދެކެމެވެ. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި މިފަދަ ޙަރަކާތްތައް އަމިއްލަ ޖަމްޢިއްޔާތަކުން އިސްނަންގަވައިގެން ހިންގަވަމުންގެންދަވާތަން ފެނިގެންދިޔުމަކީ މިހާތަނަށް ކުރެވެމުންދިޔަ މަސައްކަތްތައް ކާމިޔާބުވަމުންދާކަމުގެ އަލިގަދަ ހެއްކެކެވެ. އެހެންކަމުން މިފުރުޞަތުގައި މިއަހަރުގެ މާދިރީ ހިންގަވައިދެއްވި ރާއްޖޭގެ އަމިއްލަ ޖަމްޢިއްޔާއެއްކަމުގައިވާ ޑިމޮކްރަސީ ހައުސް އަށް ޝުކުރު ދަންނަވަމެވެ. އަދި މި މުނާޞަބަތުގައި ރާއްޖޭގައި ޑިމޮކްރެޓިކް ވެއްޓެއް ޤާއިމުކޮށްދެއްވުމުގައި މަދަނީ ޖަމްޢިއްޔާތަކުން ކުޅުއްވާ ދައުރަކީ ވަރަށް މުހިންމު، އަދި އެހާމެ ބޭނުންތެރި ދައުރެއް ކަމުގައި އަޅުގަނޑު ދެކޭ ވާހަކަވެސް ދަންނަވަމެވެ. އަދި އެކަމަށްޓަކައި ރާއްޖޭގައި އުފެދިފައިވާ އެންމެހައި މަދަނީ ޖަމްޢިއްޔާތަކަށް އެ ޖަމްޢިއްޔާތަކުން ކުރައްވަމުންގެންދަވާ މިފަދަ މަސައްކަތްޕުތަކަށް ހިތަވަރުދީ ތަޢުރީފް ކުރަމެވެ.

އަޅުގަނޑުގެ ދުޢާއަކީ ދިވެހި ޤައުމަށް އަމާންކަމާއި ސުލްޙަ މަސަލަސްކަން މިންވަރުކޮށްދެއްވުމެވެ. ދިވެހިރައްޔިތުންނަށް އުފާފާގަތިކަމާއި ހެޔޮގޮތް މިންވަރު ކޮށްދެއްވުމެވެ.