އޭޝިއާ ސަރަހައްދުގެ މާލިއްޔަތު ކޮމިޓީތަކުގެ ޖަމްޢިއްޔާގެ ފުރަތަމަ ޑެޕިއުޓީ ޗެއަރޕާސަންއަކަށް ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުޤައްރިރު ހޮވިވަޑައިގެންފި (20 ޑިސެމްބަރ 2010)

އޭޝިއާގެ ޤައުމުތަކުގެ މާލިއްޔަތު ކޮމިޓީތަކުގެ ޖަމްޢިއްޔާ، އޭޝިއާ ރީޖަނަލް އެސޯސިއޭޝަން އޮފް ޕަބްލިކް އެކައުންޓްސް ކޮމިޓީސް (ARAPAC)، އުފެއްދުމަށްޓަކައި ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ބޭއްވި ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުޤައްރިރު އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް ދިއްގަރު ދާއިރާގެ މެންބަރު އަލްފާޟިލް އަޙްމަދު ނާޒިމް ބައިވެރިވެވަޑައިގެންފިއެވެ.

މި ޑިސެމްބަރ މަހުގެ 18، 19، މިދެދުވަހު ބޭއްވުނު މިޖަލްސާއަކީ ވޯރލްޑް ބޭންކް އިންސްޓިޓިއުޓް އާއި ކޮމަންވެލްތް ޕާލަމެންޓްރީ އެސޯސިއޭޝަންއާއި ކެނޭޑިއަން އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް އެޖެންސީއިން އިންތިޒާމް ކޮށްގެން ބޭއްވި ބައްދަލުވުމެކެވެ. މީގެ ކުރިން ބޭއްވުނު ބައްދަލުވުންތަކުގައި އޭޝިއާ ސަރަހައްދުގެ ޤައުމުގެ މާލިއްޔަތު ކޮމިޓީތަކުގެ ޖަމްޢިއްޔާއެއް އުފެއްދުމަށް ފާސްކޮށްފައިވުމާއެކު، މިފަހަރުގެ ޖަލްސާގައި އޮތީ އެޖަމްޢިއްޔާ އުފައްދާ، ޖަމްޢިއްޔާގެ އަސާސީ ގަވާއިދު ފާސްކޮށް، އަސާސީ ގަވާއިދާއި އެއްގޮތްވާގޮތުގެ މަތިން ހިންގާ ކޮމިޓީއަށް މެންބަރުން އިންތިޚާބު ކުރުމެވެ.

އޭޝިއާ ސަރަހައްދުގެ މާލިއްޔަތު ކޮމިޓީތަކުގެ ޖަމްޢިއްޔާގެ ފުރަތަމަ ދައުރުގެ ޗެއަރޕާސަން އަކަށް ހޮވުނީ ބަންގްލަދޭޝްގެ މާލިއްޔަތު ކޮމިޓީގެ މުޤައްރިރެވެ. ފުރަތަމަ ޑެޕިއުޓީ ޗެއަރޕާސަންއަކަށް ހޮވިވަޑައިގަތީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުޤައްރިރު، ދިއްގަރު ދާއިރާގެ މެންބަރު އަލްފާޟިލް އަޙްމަދު ނާޒިމްއެވެ.

މިޖަމްޢިއްޔާގެ މަޤްޞަދަކީ އޭޝިއާގެ ޤައުމުތަކުގެ މާލިއްޔަތު ކޮމިޓީތަކުގެ މެދުގައި މަޢުލޫމާތު ބަދަލުކުރުމާއި، ތަޖުރިބާތައް ހިއްސާކުރުމާއި، ޤައުމުތަކުގެ މަޞްލަހަތު ހިމެނޭ ކަންކަމުގައި މަޝްވަރާކުރުމެވެ. އަދި މާލިއްޔަތު ކޮމިޓީތަކުގެ ދައުރު ފުޅާކޮށް، ފެންވަރު މަތިކޮށް ރައްޔިތުންގެ ފައިސާ ޒިންމާދާރު ގޮތެއްގައި ޚަރަދު ކުރެވޭކަން ގާއިމުކުރުމަށް މަސައްކަތް ކުރުމެވެ. އަދި މީޑިއާއަށާއި ރައްޔިތުންނަށް ހާމަކަން ބޮޑުގޮތެއްގައި މާލިއްޔަތު ކޮމިޓީތައް މަސައްކަތް ކުރުމަށް ބާރުއެޅުމެވެ. މިބައްދަލުވުމުގައި ވޯރލްޑް ބޭންކްއާއި އައި.އެމް.އެފްގެ ފަރާތުން މާލިއްޔަތު ކޮމިޓީތަކުގެ މަސައްކަތުގެ ދާއިރާ ފުޅާކޮށް ހަރުދަނާ ކުރުމާބެހޭ ގޮތުން ބާރު އަޅުއްވާ ވާހަކަދެއްކެވިއެވެ.