2011 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅުއްވައިފި (15 ޑިސެމްބަރ 2010)

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 24ވަނަ ޖަލްސާގައި، 2011 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މިވަގުތު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ހިންގެވުމުގެ މަސްއޫލިއްޔަތު ޙަވާލުކުރައްވާފައިވާ އަލްފާޟިލް މަޙުމޫދު ޒާރީ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ. މިއަދު މަޖިލީހަށް ހުށަހެޅު ބަޖެޓްވަނީ މަޖިލީހުގެ ގަވާއިދުގެ 179ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން މާލިއްޔަތު ކޮމިޓީއާއި އިޤްތިޞާދީ ކޮމިޓީގެ ގުޅިފައިވާ ކޮމިޓީއަށް ބަޖެޓް ދިރާސާކުރުމަށް ފޮނުއްވާފައެވެ. އަދި މިއަދުގެ ޖަލްސާގައި ރިޔާސަތުން ވިދާޅުވެފައިވަނީ، މިރޭގެ ވަގުތެއްގައި ބަޖެޓް ކޮމިޓީގެ މަސައްކަތް ފައްޓަވާނެކަމަށާއި ބަޖެޓްގެ ބަހުސް 19 އަދި 20 ޑިސެމްބަރުގައި ބާއްވާ މަޖިލީހުގެ ދެ ޖަލްސާގައި ހެނދުނު 9 ން ހަވީރު 6:00 އަށް ކުރިއަށް ގެންދަވާނެކަމަށެވެ.

މިއަދުގެ ޖަލްސާއަށްވަނީ  ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) އަށް.. ވަނަ އިޞްލާޙު ގެނައުމުގެ ބިލެއް ހުށަހަޅުއްވާ އެބިލުގެ ބަހުސްގެ މަރުހަލާ ފައްޓަވާފައެވެ. މިބިލު މަޖިލީހަށް ހުށަހަޅުއްވައިދެއްވީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޝިފާޤް މުފީދެވެ. މިބިލުގެ ބަހުސްގެ އިތުރުން   ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2007/5 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) އަށް.. ވަނަ އިޞްލާޙު ގެނައުމުގެ ބިލާއި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) އަށް.. ވަނަ އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސްވެސްވަނީ މިއަދުގެ ޖަލްސާގައި ކުރިއަށް ގެންދަވާފައެވެ.

މިއަދުގެ ޖަލްސާގައި 2 ފަހަރެއްގެ މަތިން ކޯރަމްގެ މައްސަލަދިމާވެ ޖަލްސާ މެދުކަނޑާލަންޖެހިފައިވެއެވެ.

ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 19 ޑިސެމްބަރ 2010 ވާ އާދީއްތަ ދުވަހުގެ ހެނދުނު 9:00 ގައެވެ.