މިވަގުތު ކުރިމަތިވެފައިވާ ޙާލަތަކީ ޚާއްޞަ ޙާލަތެއް ކަމުގައި ކަނޑައަޅާ، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ހިންގެވުމުގެ މަސްޢޫލިއްޔަތު ހަވާލުކުރައްވާފައިވާ ފަރާތަކަށް 2011 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިދާނެކަމަށް ކަނޑައަޅައިފި (14.12.2010)

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 23ވަނަ ޖަލްސާގައި، 2011 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ މަސައްކަތް ކުރިއަށްގެންދާނެ ގޮތަކާ ބެހޭގޮތުން ގޮތެއް ނިންމެވުމަށް މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހެޅުއްވި މައްސަލައާއި ގުޅޭގޮތުން ދިއްގަރު ދާއިރާގެ މެންބަރު އަޙުމަދު މާޒިމް ހުށަހަޅުއްވާ ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާމަނިކު ތާއިދު ކުރެއްވި ހުށަހެޅުމުގައިވަނީ، ޤާނޫނުއަސާސީގެ 96 ވަނަ މާއްދާގެ (ހ) ގައި، ކޮންމެ މާލީ އަހަރެއް ފެށުމުގެ ކުރިން، އެއަހަރަކަށް ދައުލަތުން ހިނގާނޭކަމަށް ލަފާކުރާ ޚަރަދާއި، ދައުލަތަށް ލިބޭނެކަމަށް ލަފާކުރާ އާމްދަނީގެ ހިސާބު ހިމެނޭ ބަޖެޓެއް އަދި ވޭތުވެދިޔަ މާލީ އަހަރު ދައުލަތުން ހިނގި ޚަރަދާއި، ދައުލަތަށް ލިބުނު އާމްދަނީގެ ހިސާބު، މިނިސްޓަރ އޮފް ފިނޭންސް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެ ކަމަށް ބަޔާންކޮށްފައި ވީނަމަވެސް، މިވަގުތު މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ މަޤާމްގައި ބޭފުޅަކު ނެތުމާއިއެެކު، ޤާނޫނުއަސާސީގެ 96 ވަނަ މާއްދާގެ (ހ) އާއި ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ ފުރުޞަތު ނެތުމާއިއެކު، މިވަގުތު ކުރިމަތިވެފައިވާ ޙާލަތަކީ ޚާއްޞަ ޙާލަތެއް ކަމުގައި ކަނޑައަޅާ، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ހިންގެވުމުގެ މަސްޢޫލިއްޔަތު ހަވާލުކުރައްވާފައިވާ ފަރާތަކަށް 2011 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިދާނެކަމަށް ކަނޑައެޅުމަށެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 179 ވަނަ މާއްދާގެ (ކ) ގައިވާ ފަދައިން ހިނގަމުންދާ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ކުރިން ބަޖެޓާމެދު މަޖިލީހުން ގޮތެއް ނިންމަންވާނެކަމަށް ބަޔާންކޮށްފައިވުމާއެކު، 2011 ވަނަ އަހަރު ލަފާކުރާ ދައުލަތުގެ ބަޖެޓުގެ މަސައްކަތް ކުރުމުގައި މަޖިލީހުގެ ގަވާއިދުގެ 179 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތުތައް މިހާރު އޮތްގޮތުން އެމުއްދަތުތައް އެގޮތަށް ދީގެން އަހަރު ނިމުމުގެ ކުރިން ބަޖެޓާމެދު މަޖިލީހުން ގޮތެއް ކަނޑައެޅުމަކީ މިހާރު ކުރެވިދާނެކަމެއްކަމުގައި ނުފެންނާތީ، ދިމާވެފައިވާ މި ޚާއްޞަ ޙާލަތުގައި ބަޖެޓުގެ މަސައްކަތް ކުރިއަށްގެންދިއުމުގައި މުއްދަތުތައް ކަނޑައެޅުމަށްޓަކައި މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ މަޝްވަރާއާއެކު، ގޮތްތަކެއް ކަނޑައެޅުމުގެ އިޚްތިޔާރު މަޖިލީހުގެ ރައީސަށް ދިނުންވެސް އެހުށަހެޅުމުގައިވެއެވެ. މި ހުށަހެޅުންވަނީ މިއަދުގެ ޖަލްސާއިން ފާސްކުރައްވާފައެވެ.
މިދެންނެވި ހުށަހެޅުމުގެ އިތުރުން، ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު ހުށަހަޅުއްވާ، މާވަށު ދާއިރާގެ މެންބަރު ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު ތާއިދުކުރެއްވި ހުށަހެޅުމުގައިވަނީ، ދިވެހި ސަރުކާރުން މިހާރު ޢާންމުކުރައްވާފައިވާ 2011 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު މަޢުލޫމާތުގެ އަލީގައި، މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީއާއި މާލިއްޔަތު ކޮމިޓީއާ ގުޅިގެން އުފެދޭ ބަޖެޓު ކޮމިޓީ މެދުވެރިކޮށް، އެ ބަޖެޓް ދިރާސާކުރެއްވުމުގެ މަސައްކަތް ކުރިއަށް ގެންދަވަން ފެއްޓެވުމާއި، ރައީސުލްޖުމްހޫރިއްޔާ، މިނިސްޓަރ އޮފް ފިނޭންސްގެ މަޤާމަށް ބޭފުޅަކު ޢައްޔަންކުރެއްވުމުން، އެ ގޮތުން ޢައްޔަންކުރައްވާ ވަޒީރު ޤާނޫނުއަސާސީގެ 96 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ބަޖެޓް ހުށަހެޅުއްވުމާއި، އެގޮތުން ބަޖެޓު ހުށަހެޅުއްވުމުން، އެހާތަނަށް ކުރެވިފައިވާ ބަޖެޓު ދިރާސާތަކުގެ އަލީގައާއި، އޭގެފަހުން ހިނގާ ދިރާސާތަކުގެ އަލީގައި، 2011 ވަނަ އަހަރުގެ މާލީ އަހަރު ފެށުމުގެ ކުރިން، ބަޖެޓު ފާސްކުރުމަށްޓަކައި މަޖިލީހުގެ ގަވާއިދަށް އެނިސްބަތުން ގެންނަންޖެހޭ ބަދަލުތައް ގެނައުމަށެވެ. ނަމަވެސް ދިއްގަރު ދާއިރާގެ މެންބަރު އަޙުމަދު މާޒިމް ހުށަހަޅުއްވާ، ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާމަނިކު ތާއިދު ކުރެއްވި ހުށަހެޅުން މަޖިލީހުން ފާސްވުމާއިގުޅިގެން މިހުށަހެޅުމަށް ވޯޓަށް އައްސަވާފައެއްނުވެއެވެ.
މިއަދުގެ ޖަލްސާއަށްވަނީ ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) އަށް.. ވަނަ އިޞްލާޙު ގެނައުމުގެ ބިލެއް ހުށަހަޅުއްވާ އެބިލުގެ ބަހުސްގެ މަރުހަލާ ފައްޓަވާފައެވެ. އަދި މިބިލުގެ އިތުރުން ކުރިން މަޖިލީހަށްހުށަހެޅި ބަހުސްކުރަމުން ގެންދިޔަ އިޖްތިމާޢީ ރައްކާތެރިކަމުގެ ބިލުގެ ބަހުސްވަނީ ނިންމަވާލައްވާ އެބިލު މަޖިލީހުން ބަލައިގަނެ އިތުރަށް ދިރާސާކުރުމަށް އިޖްތިމާއީ ކޮމިޓީއަށް ފޮނުއްވާފައެވެ.
ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހަޅުއްވާފައިވާ، ޕަބްލިކް އެންޓަރޕްރައިޒަސް ކޮމިޝަންގެ ބިލުވަނީ އިތުރަށް ދިރާސާކުރުމަށް 7 މެންބަރުންގެ ވަގުތީ ކޮމިޓީއަކަށް ފޮނުއްވުމަށް މިއަދުގެ ޖަލްސާއިން ފާސްކުރައްވާފައެވެ.
ި މަޖިލީހުގެ ޖަލްސާ ނިމެން ފަސްމިނެޓަށްވެފައިވަނިކޮށް މަޖިލީހުގެ ޖަލްސާގެ ނިޒާމުގެއްލި ރިޔާސަތުން ޖަލްސާ ނިންމަވާލެއްވިއިރު ބަހުސްކުރިއަށް ގެންދެވެނީ، ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2007/5 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) އަށް.. ވަނަ އިޞްލާޙު ގެނައުމުގެ ބިލުގެ ބަހުސެވެ. މިއަދުގެ ޖަލްސާގައި ކޯރަމްގެ ގިނަ މައްސަލަތަކެއް ދިމާވެ ޖަލްސާ މެދުކަނޑާލަންޖެހިފައިވެއެވެ.
ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 15 ޑިސެމްބަރ 2010 ވާ ބުދަ ދުވަހުގެ ހެނދުނު 9:00 ގައެވެ.