ޕަބްލިކް އެންޓަރޕްރައިޒަސް ކޮމިޝަނުގެ ބިލް މަޖިލީހުން ބަލައިގެންފި (13.12.2010)

ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހެޅުއްވި ޕަބްލިކް އެންޓަރޕްރައިޒަސް ކޮމިޝަންގެ ބިލު، ރައްޔިތުންގެ މަޖިލީހުން މިއަދު ބަލައިގެންފިއެވެ.
މި ބިލު ބަލައިގަތުމަށްފަހު، ބިލު އިތުރަށް ދިރާސާކުރެއްވުމަށް މަޖިލީހުން ވަނީ 7 މެމްބަރުން ކޮމިޓީއަކަށް ފޮނުއްވުމަށް ފާސްކުރައްވާފައެވެ. ނަމަވެސް ބިލު ދިރާސާކުރައްވާ ކޮމިޓީގައި ތިއްބަވާނެ މެންބަރުން ކަނޑައެޅުމުގައި އެއްބަސްވުމަކަށް އާދެވިފައިނުވާތީ އެކަން ރިޔާސަތުންވަނީ ފަސްކުރައްވާފައެވެ.
އަދި މިއަދުގެ ޖަލްސާގައި ޤާނޫނު ނަންބަރު 2007/5 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) އަށް.. ވަނަ އިޞްލާޙު ގެނައުމުގެ ބިލާއި އިޖްތިމާޢީ ރައްކާތެރިކަމުގެ ބިލުގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންގޮސްފައިވެއެވެ.
މީގެ އިތުރުން މިއަދުގެ ޖަލްސާގައި ރިޔާސަތުގެ އަމުރަށް ކިޔަމަން ނުވުމުގެ ސަބަބުން، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 54 ވަނަ މާއްދާގެ (ރ) ގެ ދަށުން ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދުގެ ނަން އިއްވާފައިވެއެވެ.
ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 14 ޑިސެމްބަރ 2010 ވާ އަންގާރަދުވަހުގެ ހެނދުނު 09:00 ގައެވެ.