އެމެރިކާގެ އޮރެގަން ސްޓޭޓްގެ ސްޓޭޓް ސެނެޓަރ ޖެކްލިން ޑިންގފެލްޑަރއާއި، ސްޓޭޓް ރެޕްރެޒެންޓޭޓިވް ބެން ކެނަންއާ ރައްޔިތުންގެ މަޖިލީހުގެ ރައީސް ބައްދަލުކުރައްވައިފި (09.12.2010)

އެމެރިކާގެ އޮރެގަން ސްޓޭޓްގެ ސެނެޓަރ ޖެކްލިން ޑިންގފެލްޑަރއާއި، ސްޓޭޓް ރެޕްރެޒެންޓޭޓިވް ބެން ކެނަންއާ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ބައްދަލުކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގޭގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސްވަނީ ރާއްޖޭގެ ސިޔާސީ މަސްރަޙު އޮޅުންފިލުވައި ދެއްވައި ރައްޔިތުންގެ މަޖިލީހާ ބެހޭ މަޢުލޫމާތު އެބޭފުޅުންނަށް އަރުވާފައެވެ. އަދި ރާއްޖޭގައި ޢަމަލުކުރަމުން އަންނަނީ އެމެރިކާގައި އޮންނަފަދަ ރިޔާސީ ނިޒާމެއްކަން ފާހަގަކުރައްވައި، މި ނިޒާމުން ރާއްޖެއަށް އާ ކަންތައްތަކެއް ތައާރަފްވެފައިވާކަމުގައި ވިދާޅުވެ، މިބަދަލަށް އަހުލުވެރިވުމުގެ މުހިންމުކަމުގެ މައްޗަށް އެމަނިކުފާނު އަލިއަޅުވާލެއްވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އިތުރަށް ވިދާޅުވިގޮތުގައި ތަޞްދީޤުކުރެވުނު އާ ޤާނޫނުއަސާސީން ރައްޔިތުންގެ މަޖިލީހަށް ލިބިދީފައިވަނީ ވަރަށް ފުޅާދައުރެކެވެ. އަދި 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެންބަރުންނަކީވެސް އިންތިޚާބުކުރެވިފައިވާ މެންބަރުންކަން ފާހަގަކުރައްވައި، މިއީ މިފަދަ ފުރަތަމަ މަޖިލީސްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިބައްދަލުކުރެއްވުމުގައި އެމަނިކުފާނުވަނީ ރައްޔިތުންގެ މަޖިލީސް ތަރައްޤީކުރުމަށް ފަންނީ އެހީތެރިކަން ބެނުންވާ ދާއިރާތައް އެބޭފުޅުންނަށް އޮޅުންފިލުވައި ދެއްވާފައެވެ.
މި ދެބޭފުޅުން ރާއްޖެއަށް މިކުރައްވާ ޒިޔާރަތަކީ، އެމެރިކާގެ އެމްބަސީ އާއި އަމިއްލަ ޖަމްޢިއްޔާއެއްކަމަށްވާ މޯލްޑިވްސް ޑިމޮކްރަސީ ނެޓްވަރކް މެދުވެރިވެވަޑައިގެން، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ އެހީގައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާ ދެމެދު، ތަޖުރިބާއާއި މަޢުލޫމާތު ބަދަލުކުރެއްވުމަށް ކުރައްވާ ޒިޔާރަތެކެވެ.

އޮރެގަން ސްޓޭޓްގެ ސްޓޭޓް ސެނެޓަރ ޖެކްލިން ޑިންގފެލްޑަރއަކީ، އޮރެގަން ސްޓޭޓް ސެނެޓްގެ ތިމާވެށްޓާއި ޤުދްރަތީ ވަސީލަތްތަކާބެހޭ ކޮމިޓީގެ ޗެއަރގެ އިތުރުން، ސެނެޓްގެ ޖުޑީޝިއަރީ ކޮމިޓީގެވެސް މެންބަރެކެވެ. ސްޓޭޓް ރެޕްރެޒެންޓޭޓިވް ބެން ކެނަންއަކީ، އޮރެގަން ސްޓޭޓްގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްގެ ތިމާވެށްޓާއި ފެނާބެހޭ ކޮމިޓީގެ ޗެއަރއެވެ.