ހިޖްރީ އާ އަހަރުގެ ތަހްނިޔާ (07.12.2010)

މާތްﷲ ސުބުޙާނަހޫ ވަތަޢާލާއަށް ޙަމްދާ ޝުކުރު ކުރަމެވެ. ދުވަސްތަކާއި މައްސަރުތަކާއި އަހަރުތައް ދައުރުވަމުން ފާއިތުވަމުންދާގޮތުގައި ލައްވައި ތަދުބީރު ކުރެއްވީ އެކަލާނގެއެވެ.
މާތް ﷲ ގެ ނަބިއްޔާ މިއުއްމަތުގެ މާތް ސާހިބާ محمد صلى الله عليه وسلم އަށް ޞަލަވާތާއި ސަލާމުން ވެދުން ކުރަމެވެ.
މިއަދަކީ ހިޖްރީ އާ އަހަރަކާ އަޅުގަނޑުމެން ކުރިމަތިލާ ދުވަހެވެ. މި އުފާވެރި މުނާސަބަތުގައި އަޅުގަނޑުގެ އެންމެ އިސްވާޖިބެއް ކަމުގައި ދެކެނީ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންގެ ނަންފުޅުގައި ދިވެހިރާއްޖޭގެ ލޮބުވެތި އެންމެހާ ރައްޔިތުންނަށް ތަހްނިޔާއާއި މުބާރިކުބާދީ އަރިސްކުރުމެވެ.
ހިޖްރީ އަހަރެއްްނިމި ހިޖްރީ އާ އަހަރަކަށް ކުރިމަތިލާ މިދަނޑިވަޅުގައި އަޅުގަނޑުމެންގެ ޢަޒުމަކަށް ވާންވާނީ ފާއިތުވެދިޔަ އަހަރުގެ ދުވަސްތަކުން ޢިބްރަތް ލިބިގަނެ ކުރިއަށް އޮތް އަހަރަށް ޢަޒުމްތަކެއް އެކަށައެޅުމެވެ.
މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި ޢަޤީދާގައި ސާބިތުކަމާ އެކު ދެމިތިބުމުގެ ޢަޒުމެވެ. އިސްލާމީ ރިވެތި اخلاقيات ން ޒީނަތްވެފައިވާ މުޖުތަމަޢެއް އަންނާން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގެ عزم އެވެ. ޤައުމިއްޔަތާއި އެއްބައިވަންތަކަން ކުރިއަށްނެރެ އެންމެން އެކަތިގަޑަކަށްވުމުގެ عزم އެވެ. ތަރައްޤީ އާއި ތަހުޒީބުގެ މަގުގައި އިތުރު ކުރިއެރުންތަކެއް ހޯދުމުގެ އަޒުމެވެ.
ހިޖްރީ އާ އަހަރަކަށް އިސްލާމީ އުއްމަތް ކުރިމަތިލާ މި މުނާސަބަތުގައި އަޅުގަނޑުމެންނަކީ އެކަކު އަނެކަކަށް احترام ކުރާ ބަޔަކަށް ވުމަށް އަޅުގަނޑު އިލްތިމާސްކުރަމެވެ. ފިތުނަވެރިކަމާއި ފަސާދަ އަށް ޖާގަދޭ ބައެއް ކަމުގައި އަޅުގަނޑުމެން ނުވުމަށް ގޮވާލަމެވެ. އިސްލާމީ އުޚުއްވަތްތެރިކަން ލިބިފައިވާ މުރުއްވަތްތެރި ބަޔަކަށް ވުމަށް ގޮވާލަމެވެ.
މާތްﷲ އަޅުގަނޑުމެންގެ ކުރިމަތީގައިވާ ދުވަސްތަކަކީ ފާގަތި ދުވަސްތަކެއް ކަމުގައި ލައްވައި އެކަލާނގެ ތަނަވަސް ވެގެންވާ نعمة އަބަދުގެ އަބަދަށް މިންވަރު ކުރައްވާށި އެވެ.
امين

عبدالله شاهد