ޔޫތް ޕާލިމެންޓްގައި ބައިވެރިވާ ދަރިވަރުންނާ ރައްޔިތުންގެ މަޖިލީހުގެ ރައީސް ބައްދަލުކުރައްވައިފި (02.12.2010)

ރައްޔިތުންގެ މަޖިލީހުގެ އިދާރާއާއި މަދަނީ ޖަމްއިއްޔާއެއް ކަމަށްވާ ޑިމޮކްރަސީ ހައުސް ގުޅިގެން 22 ޑިސެމްބަރ ގައި ބޭއްވުމަށް ހަމަޖެހިފައިވާ ޔޫތް ލީޑަރޝިޕް ޕްރޮގްރާމްގެ ދަށުން ޔޫތް ޕާލިމެންޓްގައި ބައިވެރިވާ އަތޮޅުތަކުގެ 38 ދަރިވަރަކު މިއަދު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝަހީދު އާއި ބައްދަލުކުރައްވައިފިއެވެ.
މިބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ދަރިވަރުން އޮޅުންފިލުއްވިއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ވާހަކަފުޅުގައި ރައްޔިތުންގެ މަޖިލީހުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަކީ ހަމައެކަނި ގާނޫނުތައް ހެދުން ނޫންކަން ފާހަގަކުރައްވައި، އާ ޤާނޫނު އަސާސީން މިއަށްވުރެ ފުޅާ ދައުރެއް ރައްޔިތުންގެ މަޖިލީހަށް ލިބިދީފައި އޮތްކަން އެމަނިކުފާނު އޮޅުންފިލުވައި ދެއްވިއެވެ. މީގެއިތުރުން ހުސްވި އަހަރުގައާއި މިއަހަރުގެ ދެދައުރުގައި ފާއިތުވެދިޔަ 10 އަހަރު ކުރެވުނު މަސައްކަތްތަކަށްވުރެ ގިނަ މަސައްކަތްތައް ކުރެވުނުކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. އަދި ރައްޔިތުންގެ މަޖިލީހާއި ގުޅޭގޮތުން ދަރިވަރުން ކުރެއްވި ސުވާލުތަކަށް އެމަނިކުފާނު ޖަވާބުދެއްވިއެވެ. މިބައްދަލުކުރެއްވުމުގައި އަމީން ޢާންމުވެސް ބައިވެރިވެވަޑައިގެން ދަރިވަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވައި މައުލޫމާތު ދެއްވިއެވެ.
މިބައްދަލުކުރެއްވުމަށްފަހު ދަރިވަރުންވަނީ އިޖްތިމާޢީ ކޮމިޓީގެ ބައްދަލުވުމެއް ކުރިއަށްދިޔަގޮތްް ބައްލަވާލައްވާފައެވެ.