ޔޫ.އެން.އެފް.ޕީ.އޭ އާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާ ގުޅިގެން މައުލޫމާތު ޙިއްސާ ކުރުމުގެ ސެޝަނެއް ބާއްވައިފި (01.12.2010)

“އިންޓަނޭޝަނަލް ޑޭ ފޯރ ދަ އެލިމިނޭޝަން އޮފް ވައިލެންސް އެގެއިންސްޓް ވިމެން” މި ދުވަސް ފާހަގަކުރުމުގެ ގޮތުން ޔޫ.އެން.އެފް.ޕީ.އޭ އާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާ ގުޅިގެން ކަމާބެހޭގޮތުން މެންބަރުންނަށް މަޢުލޫމާތު ޙިއްސާކުރުމުގެ ސެޝަނެއް މިއަދު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ކުރިއަށް ގެންގޮސްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އެދިވަޑައިގަތުމަކަށް ޔޫ.އެން.އެފް.ޕީ.އޭގެ ފަރާތުން ކުރިއަށް ގެންދެވި މިސެޝަންގައި ޔޫ.އެން.އެފް.ޕީ.އޭގެ ފަރާތުން ގެވެށި އަނިޔާއާއި ގުޅޭގޮތުން މައުލޫމާތު ދެއްވިއެވެ. އަދި އާއިލާ ހިމާޔަތްކުރުމާ ގުޅޭގޮތުން ސްލައިޑް ޝޯއަކާއި ގެވެށި އަނިޔާ ލިބިފައިވާ ފަރާތެއް، އަނިޔާއާއި ގުޅޭގޮތުން ދެއްކެވި ވާހަކަ އިއްވާފައިވެއެވެ.
މިސެޝަންގައި މެންބަރުންވަނީ ހޭލުންތެރިކަން އިތުރުކުރެވޭނެ ގޮތްތަކާއި، ގެވެށި އަނިޔާ ހުއްޓުވުމާއި ބެހޭ ބިލް ފާސްވުމުގެ ކުރިންވެސް ޝަކުވާ ހުށަހެޅޭނެ ރަނގަޅު ނިޒާމެއް ގާއިމްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. ބައެއް މެންބަރުންގެ ވާހަކަފުޅުގައި އާއްމުން ހޭލުންތެރިކުރުވުމުގެ އިތުރުން ތަންފީޒީ މުއައްސަސާތަކުގެ މުވައްޒަފުން މިފަދަ ކަންކަމަށް އަހުލުވެރިކުރުވައި އަމަލުކުރާނެގޮތްތައް އޮޅުންފިލުވައިދިނުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
މަޖިލީސް އިދާރާގައި ގައި 14:00 އިން 16:00 އަށް ކުރިއަށްގެންދިޔަ މި ސެޝަންގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝަހީދުއާ ރައްޔިތުންގެ މަޖިލީހުގެ 17 މެންބަރުންގެ ބައިވެރިވެވައިގަތެވެ.