އަންނަ ހަފްތާގެ ބުދަ އަދި ބުރާސްފަތި، މިދެދުވަހު ޖަލްސާ ބާއްވަން ރިޔާސަތުން ނިންމަވައިފި (01.12.2010)

7 ޑިސެމްބަރ 2010 ވާ އަންގާރަދުވަހަކީ ހިޖުރީ އާއަހަރު ފެށޭ ރަސްމީ ބަންދު ދުވަހަކަށްވާތީ، އަންނަހަފްތާގައި، 8 ޑިސެމްބަރ ވާ ބުދަ ދުވަހާއި 9 ޑިސެމްބަރ ވާ ބުރާސްފަތި ދުވަހު ޖަލްސާ ބާއްވަން ރިޔާސަތުން މިއަދު ނިންމަވައިފިއެވެ.
ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 8 ޑިސެމްބަރ ވާ ބުދަ ދަުވަހުގެ ހެނދުނު 9:00 ގައެވެ.
މިއަދުގެ ޖަލްސާގައި މާވަށު ދާއިރާގެ މެންބަރު ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު ހުށަހަޅުއްވާފައިވާ، އެކަންއުންޓުގައި ފައިސާނެތި ޗެކް ދޫކުރުން މަނާކުރުމުގެ ބިލާއި ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހަޅުއްވާފައިވާ ޤާނޫނު ނަންބަރު 96/10 (ކުންފުންޏާބެހޭ ޤާނޫނު) އަށް .. ވަނަ އިޞްލާޙު ގެނައުމުގެ ބިލު ބަލައިގަނެ، މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ބިލު އިތުރަށް ދިރާސާކުރުމަށް އިޤްތިޞާދީ ކޮމިޓީއަށްވަނީ ފޮނުއްވައިފިއެވެ.
މީގެއިތުރުން ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު މިއަދު ހުށަހަޅުއްވި ޕަބްލިކް އެންޓަރޕްރައިޒަސް ކޮމިޝަންގެ ބިލުގެ އބްތިދާއީ ބަހުސް ކުރިއަށް ގެންދަވާފައިވެއެވެ.