ޤާނޫނު ނަންބަރު 2007/1 (ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނު) އަށް .. ވަނަ އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހުން ބަލައިގެންފި (29.11.2010)

މިއަދުގެ ޖަލްސާގައި، މާވަށު ދާއިރާގެ މެންބަރު ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2007/1 (ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނު) އަށް .. ވަނަ އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހަށް ބަލައިގަނެ މަޖިލީހުގެ ގަވައިދުގައިވާ ގޮތުގެ މަތިން އެބިލު އިތުރަށް ދިރާސާކުރުމަށް ގައުމީ ސަލާމަތުގެ ކޮމިޓީއަށް ވަނީ ފޮނުއްވާފައެވެ. މީގެ އިތުރުން މާވަށު ދާއިރާގެ މެންބަރު ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު ހުށަހަޅުއްވާފައިވާ، ސަރުކާރަށް ތަކެތި ގަތުމާއި ޚިދުމަތް ހޯދުމުގެ ބިލު އިބްތިދާއީ ބަހުސްވަނީ މިއަދުގެ ޖަލްސާގައި ނިންމަވާލައްވާފައެވެ.
މިއަދުގެ ޖަލްސާގައި މާވަށު ދާއިރާގެ މެންބަރު ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު ހުށަހެޅުއްވި އެކަންއުންޓުގައި ފައިސާނެތި ޗެކް ދޫކުރުން މަނާކުރުމުގެ ބިލުގެ ބަހުސް ވެސްވަނީ ފައްޓަވާފައެވެ.
މިއަދު، ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 18 ވަނަ ޖަލްސާގައި، ހަނިމާދޫ ދާއިރާގެ މެންބަރު މުޙަންމަދު މުޖުތާޒް ވާހަކަ ދައްކަވަން ހުންނަވަނިކޮށް، ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު އަދި ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު، ޖަލްސާކުރާ މާލަމަށް ވެދެވަޑައިގެން، އެވަގުތު ވާހަކަފުޅުދައްކަވަމުންގެންދެވި ޢިއްޒަތްތެރި މެންބަރުގެ ކައިރިއަށް ވަޑައިގެން، އެ މެންބަރާ ދިމާއަށް އަތްދިއްކުރައްވައި ހަޅޭފުޅުލައްވައި، މަޖިލީހުގެ ގަވައިދާ ޚިލާފަށް ކަންކުރައްވާފައިވާތީ، އެ މައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ބައްލަވައިދެއްވުން އެދި ރައްޔިތުންގެ މަޖިލީހުގެ ސުލޫކު ކޮމިޓީގެ މުޤައްރިރު، ހިތަދޫ ދެކުނު ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޙަސަން ލަޠީފަށް މަޖިލީހުގެ ރައީސް މިއަދު ސިޓީއެއް ފޮނުއްވައިފިއެވެ.
ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 30 ނޮވެމްބަރު 2010 ވާ އަންގާރަ ދުވަހުގައެވެ.