ހަޅުތާލުކުރުމުގެ ބިލުގެ ބަހުސް ނިންމަވާލައްވައިފި (23.11.2010)

ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހަޅުއްވާފައިވާ، ހަޅުތާލުކުރުމުގެ ބިލު އިބްތިދާއީ ބަހުސް މިއަދުގެ ޖަލްސާގައިވަނީ ނިންމަވާލައްވާފައެވެ. މި ބިލަށް ގިނަ އިއްޒަތްތެރި މެންބަރުންތަކެއްވަނީ ވަރަށްފުޅާ ދާއިރާއެއްގައި ބަހުސްކުރައްވާފައެވެ.
ޤާނޫނު ނަންބަރު 2007/1 (ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނު) އަށް .. ވަނަ އިޞްލާޙުގެނައުމުގެ ބިލެއް މިއަދުގެ ޖަލްސާއަށްވަނީ ހުށަހަޅުއްވާ އެބިލުގެ ބަހުސްފައްޓަވާފައެވެ. މިބިލު މަޖިލީހަށް ހުށަހަޅުއްވާދެއްވީ މާވަށު ދާއިރާގެ މެންބަރު ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރުއެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، މަޖިލީހުން ފާސްކުރުމަށް މިއަދުގެ ޖަލްސާގައިވެސް ވަނީ ވޯޓަށް އެއްހޭގޮތްނުފައެވެ. ސަބަބަކީ ޤާނޫނުއަސާސީގެ 261 ވަނަ މާއްދާގައިވާގޮތުގެމަތިން މަޖިލީހުގެ ޖުމުލަ މެންބަރުންގެ ހަތަރުބައިކުޅަ ތިންބަޔަށްވާ ޢަދަދަށް ވޯޓްގެ ވަގުތުގައި މެންބަރުން ޙާޒިރުވެވަޑައިގެން ނެތުމުގެ ސަބަބުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ 3 ވަނަ ދައުރު މިއަހަރުގެ ޑިސެމްބަރމަހުގެ 31 ގައި ނިމޭނެތީ، މަޖިލީހުގެ ކުރިމަތީގައިވާ މުހިއްމު މަސައްކަތްތައް ނިންމެވުމަށްޓަކައި، ކޮމިޓީތަކުގެ މަސައްކަތްތައް އިތުރަށް ހަލުވިކުރެއްވުމަށް ކުރެވެންހުރި ހުރިހާ މަސައްކަތްޕުޅެއް ކޮށްދެއްވުމަށް ކޮމިޓީތަކުގެ މުޤައްރިރުންގެ އަރިހުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު މިއަދުވެސްވަނީ އެދިވަޑައިގެންފިއެވެ.