5 ވަޒީރަކަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވައިފި (22.11.2010)

ރައްޔިތުންގެ މަޖިލީހުގެ 2010 ވަނަ އަހަރުގެ 3 ވަނަ ދައުރުގެ 15 ވަނަ ޖަލްސާގައި ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ހ) ގެ ދަށުން ވަޒީރުންގެ މަޖިލީހަށް ޢައްޔަންކުރައްވާފައިވާ މެންބަރުންގެ ތެރެއިން 5 މެންބަރަކަށް މިއަދު ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވައިފިއެވެ.

ވަކިވަކިން ހުށަހަޅައިގެން 12 މެންބަރުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވި 5 ބޭފުޅުންނަކީ މިނިސްޓަރު އޮފް ހެލްތް އެންޑް ފެމިލީ ޑރ އާމިނަތު ޖަމީލް، މިނިސްޓަރ އޮފް އެކޮނަމިކް ޑިވެލޮޕްމަންޓް މަހްމޫދު ރާޒީ، މިނިސްޓަރ އޮފް ހިޔުމަން ރިސޯސަސް ޔޫތު އެންޑް ސްޕޯޓްސް އަލްއުސްތާޛް ހަސަން ލަތީފް، މިނިސްޓަރ އޮފް ހައުސިންގ އެންޑް އެންވަޔަމަންޓް މުހަންމަދު އަސްލަމް އަދި މިނިސްޓަރ އޮފް އިސްލާމިކް އެފެއާރޒް ޑރ. އަބްދުލްމަޖީދު އަބްދުލް ބާރީ އެވެ.

މީގެއިތުރުން މިއަދުގެ ޖަލްސާގައި ހަޅުތާލުކުރުމުގެ ބިލުގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންދެވިއެވެ. އަދި ގެވެށި އަނިޔާ ހުއްޓުވުމުގެ ބިލާއި ދިވެހިރާއްޖޭގެ ތަޢުލީމުގެ ބިލުގެ އިބްތިދާއީ ބަހުސް ނިންމަވާލައްވައި މަޖިލީހުން ބަލައިގަންނަން ނިންމެވިއެވެ.

މިއަދުގެ ޖަލްސާގައި ސަލާމަތީ ޚިދުމަތްތަކާބެހޭ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް ހާޒިރުވުމަށް ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކަށް އަންގާ އެންގުންތަކާ އެއްގޮތްވާ ގޮތުގެމަތިން ކޮމިޓީގެ ބައްދަލުވުންތަކަށް ހާޒިރުވެވަޑައިނުގަންނަވާ މައްސަލައާ ގުޅޭގޮތުން އެކޮމިޓީން ހުށަހަޅުއްވާފައިވާ ރިޕޯޓަށް މަޖިލީހުގައި ބަހުސް ކުރެއްވުމަށްފަހު އެމައްސަލައާއި ގުޅިގެން ޤާނޫނުއަސާސީގެ 95 ވަނަ މާއްދާގެ ދަށުން ސްޕްރީމްކޯޓުގެ ލަފައެއް ހޯއްދެވުމަށް މަޖިލީހުންވަނީ ޤަރާރެއް ފާސްކުރައްވާފައެވެ.
މީގެއިތުރުން ދިވެހިރާއްޖޭގެ ބޭންކިންގ އާ ބެހޭ ބިލު މިއަދުގެ ޖަލްސާގައި މަޖިލީހުންވަނީ ފާސްކުރައްވާފައެވެ.