އޭ.ޕީ.ޕީ.ސީ.އީ.ޑީ. ފޯރަމްގައި ބައިވެރިވެވަޑައިގެންނެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ދައުވަތު އަރުވައިފި (22.11.2010)

ދަ އޭޝިޔާ ޕެސިފިކް ޕާލިމެންޓޭރިއަންސް ކޮންފަރެންސް އޮން އެންވަޔަރަމަންޓް އެންޑް ޑެވެލޮޕްމަންޓް (އޭ.ޕީ.ޕީ.ސީ.އީ.ޑީ.) ފޯރަމްގައި ބައިވެރިވެވަޑައިގެންނެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް ދައުވަތު އަރުވައިފިއެވެ.

މިދައުވަތު އެމަނިކުފާނަށް އަރުވާފައިވަނީ އުތުރު ކޮރެޔާގެ ރައްޔިތުންގެ މަޖިލީހުގެ ފަސް މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ވަފްދަކުން، އިއްޔެ ރައްޔިތުންގެ މަޖިލީހުގެ ރައީސް ގެ އަރިހަށް ކުރެއްވި ޒިޔާރަތެއްގައެވެ. ތަރައްޤީއާއި ތިމާވެއްޓާ ގުޅުންހުރި މަޝްވަރާތައް ކުރިއަށްގެންދާ މިފޯރަމްގައި ދިވެހިރާއްޖެ ބައިވެރިވުމަކީ ދިވެހިރާއްޖެއަށާއި މި ފޯރަމަށްވެސް ލިބޭނޭ ކުރިއެރުމެއްކަމުގައި ކޮރެޔާގެ ވަފްދުގެ އިސް ބޭފުޅަކަށް ހުންނެވި މރ. ހާންގ ވޫ ޔީ ހާމަކުރެއްވިއެވެ. އަދި ދިވެހިރާއްޖެއަށް މިދައުވަތު އެރުވީ ދިވެހިރާއްޖޭން ތިމާވެއްޓާއި މޫސުމާ ގުޅުންހުރި މައްސަލަތަކުގައި އިސްކޮށް ޙަރަކާތްތެރިވަމުން އަންނާތީއާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ނޭދެވޭ އަސަރުކުރާ ޤައުމުތަކުގެ ލިސްޓުގެ ކުރީގައި ވެސް ދިވެހިރާއްޖެ ހިމެނޭތީ ކަމުގައި މރ. ހާންގ ފާހަގަކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ދެގައުމުގެ ރައްޔިތުންގެ މަޖިލީހާއި ބެހޭ މައުލޫމާތުވެސް ހިއްސާކޮށްފައިވެއެވެ.

އޭ.ޕީ.ޕީ.ސީ.އީ.ޑީ. އަކީ 1993 ގައި ދެކުނުކޮރެޔާގެ ރައްޔިތުންގެ މަޖިލީހުން އުފެއްދާފައިވާ ފޯރަމެކެވެ. މި ފޯރަމްގައި މިހާރު 46 ގައުމަކުން ބައިވެރިވެފައިވެއެވެ.