ނިޒާމް ގެއްލި މިއަދުގެ ޖަލްސާ ނިންމަވާލައްވައިފި (09.11.2010)

ރައްޔިތުންގެ މަޖިލީހުގެ 3 ވަނަ ދައުރުގެ 14 ވަނަ ޖަލްސާ ކުރިއަށް ނުގެންދެވޭނެކަމަށް ފެންނާތީ، ޖަލްސާ ނިންމަވާލައްވައިި 22 ނޮވެމްބަރު 2010 ވާ ހޯމަ ދުވަހު ދެންއޮންނަ ޖަލްސާއެއް ބޭވުމަށް ރިޔާސަތުން މިއަދު ނިންމަވައިފި އެވެ.
މިއަދުގެ ޖަލްސާގައި ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޝިފާޤު މުފީދު އަދި ބާރަށު ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޒުގެ ނަން އިއްވަވާފައިވެއެވެ. އަދި މި ދެ މެންބަރުން ޖަލްސާކުރާ މާލަން ދޫކުރައްވައި ވަޑައިގަތުމަށް ދެކޮޅު ހެއްދެވެމުން ރިޔާސަތުން 10:09 ގައި ޖަލްސާ މެދު ކަނޑުއްވައިލެއްވިއެވެ. ދެން ޖަލްސާ ކުރިއަށް ގެންދެވީ 11:00 ޖެހިއިރުއެވެ. އެހެންނަމަވެސް 11:13 ގައި ޖަލްސާ ނިންމަވާލެއްވީ ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ރަޝީދުގެ ނަން އިއްވަވާފައިވަނިކޮށް ކުރިން ނަން އިއްވެވި ދެ މެންބަރުން ޖަލްސާކުރާ މާލަމަށް ވަދެވަޑައިގެނނެވުމުންނެވެ.
މަޖިލީހުގެ ޤަވާއިދުގެ 54 ވަނަ މާއްދާގެ (ޅ) ގައިވަނީ މެންބަރެއްގެ ނަން މަޖިލީހުގެ ރައީސް އިއްވަވައިފިނަމަ އެމެންބަރަކު ވަގުތުން ޖަލްސާ ދޫކުރައްވައި ވަޑައިގަންނަވަން ވާނެކަމަށާއި އެޖަލްސާގެ ބާކީ އޮތް ބައިގައި އެމެންބަރަކަށް ބައިވެރިވެވަޑައިނުގެންނެވޭނެ ކަމަށެވެ.
ރިޔާސަތުން މިއަދު ނިންމެވީ އަދިވެސް ޕާޓީތަކުގެ މެދުގައި މަޝްވަރާކުރުމަށް ވަގުތުު ދެއްވުމަށެވެ.