ނިޒާމާ ބެހޭ މައްސަލަތަކެއްގެ އޮއިވަރުގައި ޖެހިގެން މިއަދުގެ ޖަލްސާ ނިންމަވާލައްވައިފި (08.11.2010)

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މެދުގައި ހޫނު ބަހުސްތަކެއް ހިނގައި ނިޒާމާ ބެހޭ މައްސަލަތަކެއްގެ އޮއިވަރުގައި ޖެހިގެން ރައްޔިތުންގެ މަޖިލީހުގެ 3 ވަނަ ދައުރުގެ 13 ވަނަ ޖަލްސާ ކުރިއަށް ގެންދެވޭގޮތް ނުވުމުން، ޖަލްސާ ނިންމަވާލައްވައިި 9 ނޮވެމްބަރު 2010 ވާ އަންގާރަ ދުވަހު ދެންއޮންނަ ޖަލްސާއެއް ބޭވުމަށް ރިޔާސަތުން ނިންމަވައިފި އެވެ.
މިއަދުގެ ޖަލްސާގައި ރިޔާސަތުން ވިދާޅުވީ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ ދަށުން ވަޒީރުންގެ މަޖިލީހަށް ޢައްޔަންކުރައްވާފައިވާ މެންބަރުންނަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ކުރިއަށް ގެންދާނޭ ގޮތެއް މަޖިލީހުން ކަނޑައަޅައިދިނުމަށް ހުށަހަޅުއްވާފައިވާ މައްސަލައަކަށްވާތީ މެންބަރުން ކަނޑައަޅުއްވާ ގޮތެއްގެ މަތިން މި މައްސަލަ ކުރިއަށް ގެންދެވާނެކަމަށެވެ. އަދި މެންބަރުންގެ ސުލޫކީ މިންގަންޑުތަކުގެ ޤަވާއިދު އަވަސްކޮށްދެއްވުމަށް ސްލޫކް ކޮމިޓީގެ މެންބަރުންގެ ކިބައިން ރިޔާސަތުން އެދިވަޑައިގަތެވެ.
އެހެންނަމަވެސް މިއަދުގެ ޖަލްސާގައިވެސް ވަޒީރުންނަށް ރުހުންދިނުމުގެ މައްސަލައަށް ޙައްލެއް ހޯދިފައިނުވާތީ މިކަމުގައި ހަލެއްފެނޭތޯ އަދިވެސް ޕާޓީތަކުގެ އިސްބޭފުޅުންގެ މަޝްވަރާތަކަށް ފުރުޞަތު ދިނުމަށްޓަކައި މިއަދުގެ ޖަލްސާވެސް ނިންމަވާލެއްވީ ކަމުގައި ރިޔާސަތުން ވިދާޅުވިއެވެ.