ވަޒީރުންނަށް ރުހުންދިނުމުގެ މައްސަލައަށް ސްޕްރީމް ކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން އެމައްސަލައަށް އެއްވެސް ސިފައެއްގައި އަސަރުފޯރަފާނެގޮތަކަށް އެއްވެސް ފިޔަވަޅެއް ނޭޅުމަށް ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން ރައްޔިތުންގެ މަޖިލީހުގެ މައްޗަށް ވަގުތީ އަމުރެއްނެރެފި

2010 ވަނަ އަހަރުގެ 3 ވަނަ ދައުރުގެ 8 ވަނަ ޖަލްސާ މަޖިލީހުގެ ރައީސް ފައްޓަވަމުން ވިދާޅުވީ މިއަދު އެޖެންޑާކުރައްވާފައިވާ ރައްޔިތުންގެ މަޖިލީހަށް ރުހުން ހޯއްދެވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި ޢައްޔަންކުރައްވާފައިވާ ބޭފުޅުންގެ ނަންފުޅުތައް، ސަރުކާރު މަސްޢޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއިން މަޖިލީހަށް ހުށަހެޅުއްވުމަށްޓަކައި ފޮނުއްވާފައިވާ ރިޕޯޓްގެ މަސައްކަތް މިއަދު ކުރިއަށް ނުގެންދެވޭނެކަމަށެވެ. ސަބަބު ބަޔާންކުރައްވަމުން ރިޔާސަތުން ވިދާޅުވީ، ވަޒީރުންނަށް ރުހުންދިނުމުގެ މައްސަލައަށް ސްޕްރީމް ކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން އެމައްސަލައަށް އެއްވެސް ސިފައެއްގައި އަސަރުފޯރަފާނެގޮތަކަށް އެއްވެސް ފިޔަވަޅެއް ނޭޅުމަށް ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން ރައްޔިތުންގެ މަޖިލީހުގެ މައްޗަށް ވަގުތީ އަމުރެއްނެރެ މަޖިލީހަށް އެކަންއަންގަވާފައިވާތީ ކަމުގައެވެ.

މިއަދުގެ ޖަލްސާ ފައްޓަވާ މާގިނައިރުތަކެއްނުވެ ޖަލްސާގެ ކޯރަމްގެއްލި ކޯރަމް ހަމަވޭތޯ 5 މިނެޓް ބެލުމަށްފަހު ކޯރަމް ހަމަނުވުމުން ހެނދުނު 9:20ގައި މަޖިލީހުގެ ގަވައިދުގައިވާ ގޮތުގެމަތިން ރިޔާސަތުން ޖަލްސާ މެދުކަނޑާލައްވާ، މަޖިލީހުގެ ރައީސަށް މަޖިލީހުގެ ގަވައިދުން ލިބިދެވޭ އިޙްތިޔާރުގެ ދަށުން އަލުން ޖަލްސާފައްޓަވާފައިވަނީ ހެނދުނު 9:45ގައެވެ. ނަމަވެސް މިގޮތަށް ޖަލްސާ ފައްޓަވާ މާގިނައިރުތަކެއްނުވެ ބައެއް މެންބަރުން ނިޒާމާބެހޭ މައްސަލަ ނަންގަވާ މިއަދުގެ ޖަލްސާ ކުރިއަށް ގެންދެވޭމިންވަރަށް ވުރެންބޮޑަށް އަޑުގަދަ ކުރައްވަންފެއްޓެވުމުން ހެނދުނު 10:00ގައި މިއަދުގެ މަޖިލީހުގެ ގަވައިދުގައިވާ ގޮތުގެ މަތިން މަޖިލީހުގެ ރައީސްވަނީ ނިންމަވާލައްވާފައެވެ.

މިއަދުގެ ޖަލްސާއަށް އެޖެންޑާކުރެވިފައިވާ އެއްވެސް މަސައްކަތެއް ކުރިއަށް ގެންދެވިފައެއްނުވެއެވެ.

ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނީ، 20 އޮކްޓޯބަރ 2010ވާ ބުދަ ދުވަހުގެ ހެނދުނު 9:00ގައެވެ.