ސަލާމަތީ ޚިދުމަތްތަކާބެހޭ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް ހާޒިރުވުމަށް ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކަށް އަންގާ އެންގުންތަކާ އެއްގޮތްވާ ގޮތުގެމަތިން ކޮމިޓީގެ ބައްދަލުވުންތަކަށް ހާޒިރުވެވަޑައިނުގަންނަވާ މައްސަލައާއި ގުޅޭގޮތުން ސްޕްރީމް ކޯޓްގެ އިސްތިޝާރީ ލަފަޔެއް ހޯދުމަށްއެދި މިއަދު މަޖިލީހަށް ޤާރާރެއް ހުށަހަޅުއްވައިފި

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ ހަތްވަނަ ޖަލްސާ މިއަދު ބާއްވައިފިއެވެ.

މިއަދުގެ ޖަލްސާގައި، ސަލާމަތީ ޚިދުމަތްތަކާބެހޭ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް ހާޒިރުވުމަށް ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކަށް އަންގާ އެންގުންތަކާ އެއްގޮތްވާ ގޮތުގެމަތިން ކޮމިޓީގެ ބައްދަލުވުންތަކަށް ހާޒިރުވެވަޑައިނުގަންނަވާ މައްސަލައަށް ގޮތެއްް ނިންމަވާދެއްވުމަށް އެދި އެކޮމިޓީގެ މުޤައްރިރު ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު މަޖިލީހަށް ހުށަހަޅާ ރިޕޯޓްވަނީ މިއަދުގެ ޖަލްސާއަށް ހުށަހަޅުއްވާފައެވެ. މި ރިޕޯޓްގެ ބަހުސްގެ މަރުޙަލާގައި ހަނިމާދޫ ދާއިރާގެ މެންބަރު މުޙަންމަދު މުޖުތާޒްވަނީ މި މައްސަލައާއި ގުޅޭގޮތުން ސްޕްރީމް ކޯޓްގެ އިސްތިޝާރީ ލަފަޔެއް ހޯދުމަށްއެދި މަޖިލީހަށް ޤާރާރެއް ހުށަހަޅުއްވާފައެވެ. އަދި މިޤަރާރަށްވަނީ މުލަކު ދާއިރާގެ މެންބަރު ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ވާހަކަފުޅުގައި ތާއިދުކުރައްވާފައެވެ.

މިއަދު މަޖިލީހަށް ހުށަހެޅުނު ޤަރާރުގައިވަނީ، ސަލާމަތީ ޚިދުމަތް ހިނގާނުހިނގާގޮތް ބެލުމަށް ރައްޔިތުންގެ މަޖިލީހުން އުފައްދާފައިވާ ކޮމިޓީއަަށް ހާޒިރުވުމަށް މޯލްޑިވްސް ޑިފެންސް ފޯސްގެ ޗީފް ޑިފެންސް ފޯސް މެނޭޖަރ ޖެނެރަލް މޫސާ ޢަލީ ޖަލީލް އާއި މޯލްޑިވްސް ޕޮލިސް ސާރވިސްގެ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ފަސީޙުއަށް އެންގުމުން ހާޒިރުވެފައި ނުވުމާއެކު، ޤާނޫނުއަސާސީގެ 239 ވަނަ މާއްދާގެ (ށ) ގައި ސަލާމަތީ ޚިދުމަތްތަކުގެ މައްޗަށް ރައްޔިތުންގެ މަޖިލީހުގެ ބާރު ހިނގާނޭކަމަށް ބުނެފައިވުމާއެކު، އަދި އިސްވެ ބުނެވުނު ކޮމިޓީއަކީ ޤާނޫނުއަސާސީގެ 241 ވަނަ މާއްދާގެ ދަށުން ސަލާމަތީ ޚިދުމަތްތައް ހިނގާ ނުހިނގާގޮތް ބެލުމަށް އުފައްދާފައިވާ ކޮމިޓީއަކަށް ވުމާއެކު އަދި ޤާނޫނުއަސާސީގެ  238 ވަނަ މާއްދާގައި ސަލާމަތީ ޚިދުމަތްތަކުން މަސައްކަތްކުރާނީ އަދި އެތަންތަނުން ހިންގާ އެންމެހާ ކަންކަން ހިންގާންވާނީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ އާއި ޤާނޫނާއި، އެއްގޮތްވާގޮތުގެމަތިން ކަމަށް ބުނެފައިވުމާއެކު އަދި ޤާނޫނުއަސާސީގެ 99 ވަނަ މާއްދާގެ (ށ) ގައި ރައްޔިތުންގެ މަޖިލީހަށް ނުވަތަ އެމަޖިލީހުގެ ކޮމިޓީއަކަށް ހާޒިރުވުމަށް ވަކިމީހަކަށް ނުވަތަ ވަކި މުއައްސަސާއަކަށް އެންގުމުގެ ބާރު ލިބިގެންވާކަމަށް އޮތުމާއެކު، އިސްވެދިޔަ މާއްދާތަކުގެ އަލީގައި ރައްޔިތުންގެ މަޖިލީހަށް ނުވަތަ މަޖިލީހުގެ ކޮމިޓީ އަކަށް ހާޒިރުވުމަށް އަންގާ އެންގުތަކާއިމެދު ދިވެހިރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކާއި، ސަރުކާރާއި، ދައުލަތުގެ އެންމެހާ މުއައްސަސާތަކުގައި މަސައްކަތް ކުރާ މީހުންނާއި އަމިއްލަ ފަރުދުން ޢަމަލު ކުރަންޖެހޭނެ ގޮތަކާއިމެދު ޤާނޫނުއަސާސީގެ 95 ވަނަ މާއްދާގެ ދަށުން ސްޕްރީމް ކޯޓްގެ އިސްތިޝާރީ ލަފައެއް ހޯދުމަށްއެދި ހުށަހެޅި ޤަރާރެއްކަމުގައެވެ.

މިއަދުގެ ޖަލްސާއަށްވަނީ ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) އަށް .. ވަނަ އިޞްލާޙުގެނައުމުގެ ބިލް ހުށަހަޅުއްވާ އެބިލުގެ ބަހުސް ފައްޓަވާފައެވެ. މިބިލު މަޖިލީހަށް ހުށަހަޅުއްވައިދެއްވީ ހަނިމާދޫ ދާއިރާގެ މެންބަރު މުޙަންމަދު މުޖްތާޒެވެ.

މީގެ ކުރިން ބޭއްވުނު މަޖިލީހުގެ ދެ ޖަލްސާގައި ބައެއް މެންބަރުންގެ މެދުގައި ޚިޔާލް ތަފާތުވެފައިވާ، އޮޑިޓަރ ޖެނެރަލްކަމަށް ޢައްޔަންކުރެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ނަންފުޅު، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓް، އެކޮމިޓީއިން އިތުރަށް މަޝްވަރާކުރެއްވުމަށްފަހު މަޖިލީހުގެ ރައީސަށް ޖަވާބެއް އަރުވަންދެއް އެރިޕޯޓް މަޖިލީހަށް ހުށަހެޅުއްވުން ފަސްކުރެއްވީ ކަމުގައި މަޖިލީހުގެ ރައީސްވަނީ މިއަދުގެ ޖަލްސާގައި ވިދާޅުވަފައެވެ.

މަޖިލީހުން ފާސްކުރައްވައި ޤާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ހ) ގެ ދަށުން ތަސްދީޤް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ފޮނުވުނު ބައެއް ޤާނޫނުތަކާއި ޤާނޫނުތަކުގެ ބައެއް މާއްދާތައް އުވާލުމުގެ ބިލު އަލުން ވިސްނުމަށް މަޖިލީހަށް ފޮނުއްވާފައިވާ މައްސަލައަލުން ދިރާސާކުރެއްވުމަށް 7 މެންބަރުންގެ ވަގުތީ ކޮމިޓީއަށްކަށް ފޮނުއްވުމަށް ފާސްކުރައްވާ 7 މެންބަރުންވަނީ މަޖިލީހުން ކަނޑައަޅުއްވާފައެވެ.

ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) އަށް .. ވަނަ އިޞްލާޙުގެނައުމުގެ ބިލުގެ ބަހުސް ނިންމަވާ މަޖިލީހުން ބިލު ބަލައިގަނޭތޯ ވޯޓަށް އެއްސެވުމުން އެބިލު މަޖިލީހުން ބަލައިގަތުމަށް ފެންނަކަމަށް ފާސްނުވެ އެބިލުވަނީ ބާތިލްވެފައެވެ.

މިއަދުގެ ޖަލްސާގައި، ގެވެށި އަނިޔާ ހުއްޓުވުމުގެ ބިލުގެ ބަހުސްގެ މަރުހަލާ ކުރިއަށްގެންދަވަނިކޮށް މިއަދުގެ ޖަލްސާގެ ވަގުތު ހަމަވުމުން ރިޔާސަތުން ވަނީ ޖަލްސާ ނިންމަވާލައްވާފައެވެ.

ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 19 އޮކްޓޯބަރ 2010 ވާ އަންގާރަ ދުވަހުގެ ހެނދުނު 9:00 ގައެވެ.