ރައްޔިތުންގެ މަޖިލީހުގެ ރައީސް މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯރކްގެ ބޭފުޅުންނާ ބައްދަލުކުރައްވައިފި (17.10.2010)

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އަމިއްލަ ޖަމްޢިއްޔާ އެއްކަމުގައިވާ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯރކްގެ ބޭފުޅުންނާ މިއަދު ބައްދަލުކުރައްވައިފި އެވެ.
މި ބައްދަލުކުރެއްވުމުގައި މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯރކްގެ ބޭފުޅުންވަނީ ދިވެހިރާއްޖޭގައި އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް ކުރިއެރުވުމަށް އެބޭފުޅުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ބެހޭ މައުލޫމާތު މަޖިލީހުގެ ރައީސް އާ ޙިއްސާ ކުރައްވާފަ އެވެ. އަދި ކޮޅުންބުގައި ހުންނަ އެމެރިކަން އެމްބަސީ އާ ގުޅިގެން “ލެޖިސްލޭޓިވް ކެޕޭސިޓީ ބިލްޑިންގ” ގެ ނަމުގައި ޕްރޮޖެކްޓެއް މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯރކްގެ ފަރާތުން ހިންގުމަށް ރާވާފައިވާތީ، މި ޕްރޮޖެކްޓް ހިނގާނޭ ގޮތް އޮޅުންފިލުއްވާ ދެއްވައި މަޖިލީހުގެ ރައީސްގެ ޙިޔާލުފުޅު ހޯއްދެވި އެވެ.
މަޖިލީހުގެ ރައީސްގެ ވާހަކަފުޅުގައި ސިވިލް ސޮސައިޓީގެ ދައުރު މިހާރު ފުޅާވަމުން އަންނަކަން ފާހަގަކުރައްވައި މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯރކް އިން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ޝުކުރު އަދާކުރެއްވި އެވެ. އަދި އަމިއްލަ ޖަމްޢިއްޔާތަކުން އިސްވެ ކުރަމުންގެންދާ މިފަދަ މަސައްކަތްތަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އެހީތެރިކަން ފޯރުކޮށް ދެއްވާނެކަމަށްވެސް ވިދާޅުވި އެވެ.