ޑިމޮކްރަސީ ހައުސްއިން އިންތިޒާމްކުރަން ރާވާފައިވާ ޔޫތް ލީޑަރޝިފް ޕްރޮގްރާމަށް އެއްބާރުލުން ދޭގޮތަށް ނިންމައިފި (13.10.2010)

އަމިއްލަ ޖަމްއިއްޔާއެއްކަމުގައިވާ ޑިމޮކްރަސީ ހައުސްގެ ފަރާތުން މިއަހަރު އިންތިޒާމް ކުރަން ރާވާފައިވާ ޔޫތް ލީޑަރޝިޕް ޕްރޮގްރާމަށް އެއްބާރުލުންދީ، ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކުރިއަށް ގެންދާ ޒުވާނުންގެ މާދިރީ މިއަހަރު ޑިމޮކުރަސީ ހައުސް އާ ގުޅިގެން ބާއްވާގޮތަށް މަޖިލީހުގެ ރައީސް އަންދުﷲ ޝާހިދު ނިންމަވައިފި އެވެ.
އެމަނިކުފާނު މިގޮތަށް ނިންމެވީ ޑިމޮކްރަސީ ހައުސްގެ ބޭފުޅުންނާ އެކު މިއަދު ބޭއްވި ބައްދަލުވުމެއްގަ އެވެ.
މިބައްދަލުކުރެއްވުމުގައި ޑިމޮކްރަސީ ހައުސްގެ ބޭފުޅުން ވިދާޅުވީ މިޕްރޮގްރާމަކީ ކޮޅުނބުގައި ހުންނަ ޔޫ.އެސް އެންބަސީން ފަންޑުކޮށްގެން، ގިނަ މުއައްސަސާތަކުގެ އެއްބާރުލުން ހޯދައިގެން ހިންގޭ ޕްރޮގްރާމެއް ކަމަށެވެ. އަދި މި ޕްރޮގްރާމްގެ ސަބަބުން އަތޮޅުތަކުގައި ދިރިއުޅޭ ޒުވާނުންނަށް މިޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ލިބި، ރައްޔިތުންގެ މަޖިލިހާއި އަދި އެހެނިހެން މުއައްސަސާތަކާ ގުޅޭގޮތުން މައުލޫމާތު ލިބިގެންދާނެކަމަށް އެބޭފުޅުން ވިދާޅުވިއެވެ.
އަމިއްލަ ޖަމްއިއްޔާއަކުން އިސްނަގައިގެން ކުރިއަށް ރާވާފައިވާ މިޕްރޮގްރާމަށް މަރުހަބާ ދަންނަވައި، މަޖިލީހުގެ ރައީސް ވިދާޅުވީ މަޖިލީހުގެ އިދާރާއިން މިފަދަ ޕްރޮގްރާމްތައް ކުރިން ހިންގެވިނަމަވެސް، މިއީ އަމިއްލަ ޖަމްއިއްޔާތަކުން ހިންގަން ޖެހޭފަދަ ޕްރޮގްރާމެއް ކަމަށެވެ. އަދި މަޖިލީހުގެ އިދާރާގެ ދައުރަކީ އަމިއްލަ ޖަމްއިއްޔާތަކުގެ މިފަދަ ޕްރޮގްރާމްތަކަށް އެހީތެރިކަން ދިނުންކަމަށްވެސް މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.